އާސެނަލްއާ ވާދަކޮށް ލީގު ކާމިޔާބުކުރަން ބޭނުންނަމަ މެންޗެސްޓާ ސިޓީން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ހަރަދެއް ކުރުމަކީ ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށް ބުނެ އެ ކްލަބުން ކުރި ހޭދަ، ކޯޗު އެންޒޯ މަރެސްކާ ދިފާއުކޮށްފި އެވެ.

ސިޓީން ވަނީ ޓްރާންސްފާ ބާޒާރު ބަންދުވި ދުވަހު އެންޒޯ އެންޒޯ ފެރްނާންޑޭޒް އާއި އިލިމަން އެންޑިއާޔޭ އަށް އިއްޔެ ކޮވެންޓްރީ އަތުން 1-0 އިން މޮޅުވި މެޗުގައި ފުރުސަތު ދީފަ އެވެ. މި ދެ ކުޅުންތެރިންނާ އެކު ސިޓީން މި ސީޒަނުގައި ޓީމު ވަރުގަދަކުރަން ކުރި ހަރަދު ވަނީ 450 މިލިއަން ޕައުންޑަށްވުރެ މައްޗަށް އަރާފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން މަރެސްކާ ވަނީ އާސެނަލްގެ ސްކޮޑުގެ ފުންމިނަށް އަޅާކިޔަ ސިޓީން ކުރި ހަރަދުތައް ދިފާއުކޮށްފަ އެވެ.

"ކޮމިއުނިޓީ ޝީލްޑް މެޗަށް ފަހު އާސެނަލް ކުޅުނު ދެ މެޗަށް ބަލާއިރު ވެސް އެ މީހުން ވަނީ ކޮންމެ މެޗެއްގައި ފަސް ބަދަލުުގެނެސްފައި،" މަރެސްކާ ބުންޏެވެ.

"ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ކުޅުންތެރިން ކަމަށްވާ މެރީނޯ އާއި ޒުބިމެންޑީ. އިނގިރޭސި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އެޒޭ އާއި މާޑުއެކޭ، އަދި އަނެއް ކުޅުންތެރިޔާއަކީ ހިންކާޕީ.

"އެންމެ ފަހު ވަގުތާ ހަމައަށް ވާދަކުރަން ބޭނުންނަމަ ބެންޗުގައި ވަރުގަދަ ކުޅުންތެރިންތަކެއް ތިބެންޖެހޭނެ. އާސެނަލްގެ އެ އިހްތިޔާރު އެބައޮތް. އަހަރެމެންގެ ވެސް އެބައޮތް."

ޓްރާންސްފާ ބަންދުވި ދުވަހު 125 މިލިއަން ޕައުންޑުގެ ބޮޑު އަގުގައި ސިޓީއާ ގުޅުނު އެންޒޯ ފެރްނާންޑޭޒް މެޗު ފެށަން ހަމަޖައްސާފައި އޮތީ ބެންޗުންނެވެ.

ނަމަވެސް މެޗުގެ ކުރިން ވޯމްއަޕް ކުރަނިކޮށް ނިކޯ އޯރިލީއަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާ ބާކީކޮށް، ބަދަލުގައި އެންޒޯ އަށް ފުރަތަމަ އެގާރައިން ޖާގަ ދިނެވެ.

މި މެޗުގައި އާ ކުޅުންތެރިޔާ އެންޑިއާޔޭ ފުރަތަމަ އެގާރައިގައި ކުޅުނުއިރު އައްޔޫބް ބުއައްދީ ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ.

ނަމަވެސް، މުޅި މެޗުގައިވެސް އެންމެ ތަފާތު ކުޅުމެއް ދެއްކީ މިފަހަރު ސިޓީއާ ގުޅުނު އެލިއޮޓް އެންޑަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެންޑަސަން ވަނީ ކޮވެންޓްރީ މުޅި ޓީމުން ކުރި ޕާސްތަކަށްވުރެ ގިނައިން މެޗުގައި ޕާސްކޮށްފަ އެވެ.