ކުޅިވަރު / ޚިޔާލު

ދަނޑު ފުރައިލުން!

މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ-އިންޑިއާ ކުޅުނު ފޯރިގަދަ މެޗުގައި ދިވެހި ކުޅުންތެރިން ދަނޑުމަތީގައި ހަރަކާތްތެރިވާއިރު ސަޕޯޓަރުން ރަތް ހެދުމުގައި ސަޕޯޓް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހާމިދު އަބްދުލްޣަފޫރު

10 ނޮވެމްބަރ 2021 - 09:56

17 comments

ރާއްޖޭގައި މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިޔަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާ- ރާއްޖެ މެޗް ވެގެން ދިޔައީ މި ފަހަކަށް އައިސް ދަނޑު ފުރައިލި މަދު މެޗުތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވުނު މެޗަކަށެވެ. ދަނޑު އޮތީ ފުރި ބަންޑުން ވެފަ އެވެ! ލީގު މެޗުތަކަށް ދަނޑު ފުރައި ނުލެވުމުގެ ޝަކުވާތަށް ތިލަވެފައި އޮތް ދުވަސްވަރެއްގައި މި މެޗަށް ދަނޑު ފުރުނީ ކީއްވެތޯ ފިކުރު ކޮށްލުމަކީ ބޭނުންތެރި ކަމެކެވެ.

ކޯވިޑް-19 ގެ ސަބަބުން މި ދެ އަހަރު ލީގަށް ދަތިވި ނަމަވެސް މީގެ 15 އަހަރު ކުރިން ވެސް ސަޕޯޓަރުންގެ ރޫހު ވަނީ ގެއްލިފަ އެވެ. ދަނޑުފޯރި ވަނީ ގެއްލިފަ އެވެ. ދަނޑު ފުރައެއް ނުލެވެ އެވެ. ދަނޑަށް ފެންޖަހާ މީހުންނަށް ވުރެ ބެލުންތެރިން މަދެވެ! ސަބަބެއް ކަމަށް ބެލެވުނީ ވާދަވެރިކަން ގެއްލުމެވެ. ތިމާގެ ކްލަބް މޮޅުވުމާއި ދެރަވުމުގެ މަސްލަހަތު ސަޕޯޓަރުންގެ ތެރޭ ނެތި ދިޔައީ އެވެ. ފޯރި ކެނޑުނީ އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އެއްވަނަ ޑިވިޝަންގެ މެޗުތަކަށް ދަނޑު ފުރައިލި ނަމަވެސް، 2000 ވަނަ އަހަރު ތަކުގެ މެދެއްހާ ހިސާބުން ބެލުންތެރިންގެ އަދަދު މަދުވެއްޖެ އެވެ. ސަޕޯޓަރުން ދަނޑަށް ވަނުން ހުއްޓާލައިފި އެވެ. ދަނޑު ފަޅުވެއްޖެ އެވެ. މިއީ ކުރިއަރަން ބޭނުންވާ ކްލަބްތަކާއި ކުޅުންތެރިންނަށް ދެމެހެއްޓެނިވި މާހަުލެއް ނޫނެވެ.

ދަނޑުފޯރި ގެއްލުން

ދަނޑު ފުރައިނުލެވުމުގެ އުޒުރެއްގެ ގޮތުގައި، އެއްްބަޔަކު ދައްކާ ހުއްޖަތަކީ ދަނޑުފޯރި ނުވަތަ ކްލަބް ވާދަ ގެއްލުނީ ލައިވް ޓެލެވިޝަނުން ޔޫރަޕްގެ ލީގުތައް ވަގުތުން ލިބެން ފެށުމުން ކަމަށެވެ. އަދި މުނިފޫހިފިލުވުމަށް، އަލަށް އުފެދުނު "ސޯޝަލް މީޑިއާ"ގެ އަވައިގައި ޖެހި، ދަނޑަށް ވަދެލަން އަވަދި ވެސް ނެތީ ކަމަށެވެ. މި ދުވަސްވަރު އުފެދުނު ސިޔާސީ ހަލަބޮލިކަން ވެސް އުޒުރެއްގެ ގޮތުގައި ދައްކާ މީހުން މަދެއް ނޫނެވެ.

އެހެން ނަމަވެސް، އަނެއް ބަޔަކު ދެކެނީ، މުޅިން އެހެން ގޮތަކަށެވެ. މުޅިން އެހެން ނަޒަރަކުންނެވެ! ދަނޑުފޯރި ގެއްލުނީ ވާދަވެރިކަން ގެއްލުނީމާ ކަމަށެވެ. ވާދަވެރިކަން ގެއްލުނީ ކްލަބާއި އަވަށްޓެރިންގެ ގުޅުން ކެނޑުނީމަ އެވެ. ކްލަބް މޮޅުވުމާއި ދެރަވުމުގެ މަސްލަހަތު އޮތް ސަޕޯޓަރުން ގެއްލުނީމަ އެވެ.

ތިމާ ސަޕޯޓްކުރާ ކްލަބް މޮޅުވުމާއި ދެރަވުމަށް އޮތް ޝައުގުވެރިކަން ގެއްލުނީ އެވެ. ކްލަބް ސަޕޯޓް ގެއްލުނީ އެވެ. މަޝްހޫރު ކްލަބަތަކުގެ މަގުބޫލުކަން، ކަންމަތީ ޓީމެއްގެ ވަރަށް ވެއްޓުނީ އެވެ!

ދަނޑުފޯރި އާއި ގައުމީ ރޫހު

ކޮންމެއަކަސް މިދިޔަ މަހު ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގެ އިންޑިއާ-ރާއްޖެ މެޗަށް ދަނޑު ފުރައިލައިފި އެވެ. ސްޓޭޑިއަމް ދޮށް އޮތީ ފުރިބާރުވެފަ އެވެ. ދަނޑު އޮތީ ކުޑަވެފަ އެވެ. ޓިކެޓް އޮތީ ނުލިބިފަ އެވެ. ކްލަބްގެ މަސްލަހަތު އަވަށްޓެރިންނަށް ގެއްލުނު ނަމަވެސް، ގައުމުގެ މަސަލަހަތު ރައްޔިތުންނަކަށް ނުގެއްލެ އެވެ. ނުވެސް ގެއްލޭނެ އެވެ! ވީމާ، މުޅި ގައުމުގެ މަސްލަހަތު އޮތް މެޗަކަށް ދަނޑު ނުފުރެންވީ ސަބަބެއް ނެތެވެ. ދަނޑު ފުރޭނެ އެވެ. ދިވެހި ގައުމީ ޓީމު މެޗަށް ދަނޑު ފުރައިލައިފި އެވެ!

މި މެޗަށް ބެލުންތެރިން ވަނީ ދަނޑު ފޯރީގައިތޯ، ނުވަތަ ގައުމީ ރޫހުގައި ތޯ ސުވާލު ކޮށްލުމަކީ، އިބުރަތްތެރި ކަމަކަށް ވާނެ އެވެ. ދަނޑު ފޯރި އާއި ގައުމީ ރޫހާ ތަފާތެވެ. ވަރަށް ވެސް ތަފާތެވެ. ސަރަހައްދުގެ އެންމެ ބޮޑު ގައުމު ބަލި ކުރުމަކީ ހަމަ ކޮންމެ ދިވެއްސެއް ވެސް ފަހުރުވެރިވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ގައުމީ ކްލަތަކުގައި މެޗު ބަލަން ދަނޑަށް ދިޔައީ މޮޅުވުމުގެ އުއްމީދުގަ އެވެ.

ދަނޑު ބަދަލުވެފައި އޮތީ "ހަނގުރާމައިގެ" މައިދާނަކަށެވެ! މިއަދުގެ ދުނިޔޭގައި ބައިނަލައަގްވާމީ ކުޅިވަރަކީ ގައުމުތަކުގެ "ސައިޒް" ދައްކައިލުމުގެ މައިދާނެވެ. އިންޓަނޭޝަނަލް ސްޕޯޓްސްގެ ޕްލެޓްފޯމަކީ ގައުމީ ރޫހެވެ! ކުޅި ބަލަން ވަދެ ތިބީ ހަމަ އެންމެންނެވެ! ދަނޑު ފޯރީގައެއް ނޫނެވެ. ގައުމީ ފޯރީގަ އެވެ. ގައުމީ ރޫހުގަ އެވެ. ބޭނުންވީ ގައުމު މޮޅުވާށެވެެ. ގައުމަށް މޮޅުވެވެނީ ގައުމީ ޓީމް މޮޅުވެގެންނެވެ.

ބަލިވި ނަމަވެސް މޮޅު!

މެޗުން ބަލިވެ، ފައިނަލްގެ ފުރުސަތު ގެއްލުނު ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރީ، ގައުމީ ޓީމް މޮޅަށް ކުޅެ، ބަލިވީ ކަމަށެވެ. އެއީ މުޅިން ގޯސް ވާހަކައެއް ވެސް ނޫނެވެ! ގިނަ ވެރިން ވެސް ޓީމާއި ކުޅުންތެރިންނަށް މަރުހަބާ ކިޔަމުން ގެންދިޔަ އެވެ.

ވެރިން އަވަސްވެގަތީ ގައުމީ ޓީމަށް އިތުރު ތަޖުރިބާ ހޯދުމަށް "އިންވިޓޭޝަނަލް" މުބާރާތަށް ހޯދުމަށާއި އެފަދަ މުބާރާތެއް ރާއްޖޭގައި އަނެއްކާ ވެސް އުފަން ކުރުމަށެވެ. މިއީ، ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް، ކުރުރާސްތާގެ ވިސްނުމެކެވެ. ދަނޑު ފުރައިލެވޭ ލީގެއް އޮތް ނަމަވެސް އުސޫލެއްގެ ގޮތުން ކުރަންޖެހޭ ކަމެކެވެ.

ގައުމީ ޓީމު މޮޅުކުރުން

މެޗުން ބަލިވުމުން ގައުމީ ޓީމުގެ މޮޅު ކުރާނެ ގޮތަތަކާ ބެހޭގޮތުން ވެރިންގެ އިތުރުން ކުޅުންތެރިންގެ އަޑު ވެސް އިވެން ފަށައިފި އެވެ. ޓީމުގެ ކޯޗު އަލީ ސުޒޭނާއި ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ދެއްކީ ދިގުރާސްތާގެ ވިސްނުމެއްގެ ވާހަކަ އެވެ.

މެޗަށް ފަހު، މީޑިއާއާ ވާހަކަ ދައްކަމުން ކޯޗު ސުޒޭން ބުނީ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިހާރަށް ވުރެ ގިނަ "ވާދަވެރި މެޗު ތަޖުރިބާ" ބޭނުންވާ ކަމަށެވެ. ޓީމުގެ ކެޕްޓަން ބުނީ އިންޑިއާ ފަދަ އަވަށްޓެރި ގައުމުތަކުގައި ވާދަވެރި، ގައުމީ ލީގެއް ހަލުވިކަމާއެކު އުފެދި މަރުކަޒުވަމުން އަންނަ ކަމަށެވެ.

"އިންޑިއާގެ ލީގާ އެއްޗެހި ވަރުގަދަވީމާ އެ މީހުން އެކަމަށް ކުރާ ހަރަދާއި މަސައްކަތް ރަނގަޅީއޭ އަޅުގަނޑު ދަންނަވާނީ. ފަހު މެޗުގައި ފެނުނީ އިންޑިއާ ލީގުގެ ކޮލިޓީ އާއި ހުރިހާ ކަމެއް އެ މީހުން އެ ދައްކާލަދިނީ. އަޅުގަނޑުމެންގެ ލީގް ވެސް މި އަށް ވުރެ ފުރިހަމަ ވާން ޖެހޭ" - ޤައުމީ ޓީމްގެ ކެޕްޓަން

ކުޅުންތެރިން ވާދަވެރި ލީގަކަށް އެދެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ލީގްގެ އޮނިގަނަޑަށް އޮއްޓަރު ހުރި ބަދަލެއް ގެނެވިފައެއް ނުވެ އެވެ. ނަވާރަސަތޭކަ އަށްޑިހަ ނުވައެއްގައި އުފެއްދި ހަ ކްލަބްގެ އެއްވަނަ ޑިވިޝަން 2002 ގައި އަށް ޓީމަށް އިތުރު ކުރި ނަމަވެސް ލީގް އޮތީ މާލެ އަށް ހަނިވެފަ އެވެ. މި ގޮތަށް މި ކަން އޮންނަތާ 31 އަހަރު ވީ އެވެ!

ލާމަރުކަޒުކުރުމުގެ ދުރުވިސްނުމެއް މާލޭގެ ފުޓުބޯޅަ ކްބަތަކުގައެއް އަދި ނެތެވެ. ރާއްޖޭގެ އުތުރުން ދެކުނަށް، ޒޯންތަކަށް ބަހައި ކޮންމެ ޒޯނަކަށް ލީގް ސްލޮޓެއް ދީ، ހޯމް އެންޑް އަވޭ ޖަޒީރާ ލީގަކަށް ބަދަލުކުރުމުގެ މަފްހޫމް އަދިވެސް އޮތީ ހިޔާލީ ފޮލައެއްގެ ގޮތުގައެވެ. އެކަމެއް ނުހިނގަ އެވެ.

ދަނޑު ފޯރިއާއެކު މޮޅު ގައުމީ ޓީމު

ކުޅިވަރަކީ އިޖުތިމާއީ ހަރަކާތެކެވެ. ފުޓުބޯޅައިގެ ފޯރިއަކީ، ކުޅުންތެރިންގެ ހުނަރާއި ސަޕޯޓަރުންގެ ރޫހާ އެއްވެ "އަލިފާން ކެނޑޭ" އުސޫލުން އުފެދޭ ފޯރިއެކެވެ. ދަނޑުފޯރިއަކީ ވަކި ގޮތަކަށް، ވަކި ހާލަތުތަކުގައި އުފެއްދޭނެ ރޫހެކެެވެ. ރާއްޖޭގައި ފުޓުބޯޅަ މުބާރާތް ކުޅެން ފެށިތާ 74 ވީއިރު މި ކުޅިވަރަކީީ ދިވެހިން ވަރަށް ވެސް ގަޔާވާ ކުޅިވަރަކަށް ވެއްޖެ އެވެ. އަދި ފުޓުބޯޅައަކީ ޒަމާނީ ދިވެހި ސަގާފަތުގެ ރެ އަށް މަހައިލެވިދާނެ ކުޅިވަރެއްކަން މިއަދު އެތައް ބަޔަކު ގަބޫލު ކުރެ އެވެ.

ބެސްޓް ޕްރެކްޓިސް ގޮތުގައި ކުޅިވަރު ޕްރޮމޯޓް ކުރަނީ އިޖުތިމާއީ ހަރަކާތެއް ގޮތުގަ އެވެ. ސިޔާސީ ހަރަކާތެއް ގޮތުގައެއް ނޫނެވެ! ވިޔަފާރީގެ މަސްލަހަތު ވެސް އުފެދެނީ ފުރަތަމަ އިޖުތިމާއީ ހަރަކާތެއް ގޮތުގައި ކުޅިވަރު ބިނާކުރެވިގެންނެވެ. މި އުންސުރު ފުރިހަމަ ކުރެވުމުންނެވެ. އެއީ އާއްމުންގެ ބައިވެރިވުން (ޝައުގުވެރިކަން) އޮންނަ މަދަނީ ހަރަކާތެއްގެ ގޮތުގައި ފުޓުބޯޅައިގެ ވާދަވެރި ގައުމީ ނިޒާމެއް (ނެޝަނަލް ކޮންޕެޓިޝަން ޗްޓްރަކްޗާ) މަރުކަޒު (އިންސްޓިޓިއުޝަނަލައިޒް) ކުރެވިގެންނެވެ. މިރި ނުވެ ގޮބޮޅިވެގެން މި ކަމެއް ނުވާނެވެ!

މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ-އިންޑިއާ ކުޅުނު ފޯރިގަދަ މެޗުގައި ދިވެހި ޓީމުން ލަނޑެއް ޖެހުމަށް ފަހު ކުޅުންތެރިން އެކަން ފާހަގަ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުޅިވަރަކީ، އޭގެ މަތީ ފެންވަރުގައި (ހައި ޕާފޯމަންސް)، ސަޕޯޓަރުންގެ ފޯރިއާއެކު ވާދަވެރިކަން އިރުތުރުވާ ހަރަކާތެކެވެ. ވާދަވެރިކަން އިތުރުވާ ވަރުން ހުނަރުވެރިކަން ވެސް އިތުރުވެ އެވެ. ސްޕޯޓްސް ސައިކޮލޮޖީގެ އިލްމުން އަންގައިދޭ ހަގީގަތަކީ، ހައިޕާފޯމަންސް ނެރެވެނީ ބެލުންތެރިންގެ ހާޒިރުގައި ކަމަށެވެ. އަދި ހަމަ އެހެންމެ، "ހައިޕާފޯމަންސް" އަށް ބެލުންތެރިން ވެސް ޝައުގުވެރިވާ ކަމެވެ. ފުޓުބޯޅަ މެނޭޖް ކުރުމަކީ ހާއްސަ ހުނަރަކެވެ. އެ ހުނަރުގެ އެންމެ ގާބިލް ފަރާތަކަށް ވާން ޖެހޭނީ ގައުމީ ފުޓުބޯޅަ ޖަމިއްޔާ އެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

17 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޯމޭން

10 November 2021

ދުނިޔޭގަ ފުޓުބޯޅަ ކުރިއަރާފައިވާ ގައުމުތަކުގަ އެމީހުން ކްލަބުތަކަށް ކިޔަނީ އެ ކްލަބްތައް ނިސްބަތްވާ އޭރިއާ ނުވަތަ ލޮކޭޝަންބޭސްޑް ޓާރމްއެއް. މިއުސޫލުން ޕްރައިމަރީ ފޭންބޭސްއެއް އޮންނަނީ އޮޓޮމެޓިކުން އެސްޓެބްލިޝްވެފަ ކޮންމެ މީހަކުވެސް އެމީހަކު ރައްވެހިވާ ހިސާބަށް ސަޕޯޓުކުރާތީ. ދެން އެޑްވާންސް ލެވެލްްއެއްގަ މޮޅަށް ކުޅެގެން ސަޕޯޓަރުން ހޯދުން އެއީ އެހެންކަމެއް. ރާއްޖޭގަ އުޅެނީ މާއިނގިރޭސިވެފަ މޮޅު ނަމެއްކިޔޭތޯ. ވަރިހަމަ އެއްވެސް މާނައެއް ދޭހަނުވިޔަސް

The name is already taken The name is available. Register?

އިޙްސާސް

10 November 2021

އެންމެ ބޮޑު އެއްކަމަކީ ފައިސާ. ކުޅުންތެރިންގެވެސް އަނބި ދަރިން އާއިލާ އޮންނާނެ. ހަމައެކަނި ފުޓުބޯޅަ ކުޅެގެން އަނގަޔާ އަތާ މިފަހުންނެއް ދިމައެއް ނުވާނެ. ރަގަޅު ފައިނޭންޝަލް މެކޭނިޒަމްއެއްވެސް އޮވެގެން މިކަން ހައްލުވާނި

The name is already taken The name is available. Register?

ރ‫ައްދެ

10 November 2021

‫ކިތަންމެ ވަރަކަށް ތިކަމާ އުޅުނަސް މިހާރު 1ވަނަ ދިވިށަންގަ ހުރި މާލެ ޓީމުތަށް ކުޅެންޔާ ހިލޭ މީހުން ވެެއްދިޔަސް ދަނޑަށް މެޗުބަލަން ވަންނާނެ ބަޔަކުނުވާނެ, ރާއްޖޭގަ ސަޕޯޓަރުން ތިބެގެން ކުޅިބަލަން ދަނޑަށަ މީހުން ވަނީ ނިއު ވިކްޓަރީ ވެލެންސިޔާ ހުއްރިއްޔާ ކުޅުނުއިރު, އޭރު އެޓީމުތަކުގެ ޕުރެކްޓިސް ބަލާލަންވެސް މީހުންދިޔަ, ކަންމަތީ ޓީމުތަކަށް ސަޕޯޓުކުރަން އެމީހުންގެ މީހުންވެސް ނުދާނެ

The name is already taken The name is available. Register?

ޙަރީރާ

10 November 2021

އަހަރެންނަޚި އަންހެނެއް. ދުވަހަކުވެސް ދަނޑަށް މެޗެއް ބަލަން ނުދަން. އެހެންވިޔަސް ދިވެހި ފުޓުބޯޅައަށް ލައްކަ ސަޕޯޓްކުރިން. ޚާއްސްކޮށް ދިވެހި ޤައުމީ ޓިމު ނުކުޅޭނެ އަހަރެން ނުބަލާނެ މެޗެއް. ވެެލެންސިޔާ އެއީ މަގޭ ފޭވަރިޓް. އޭރު ގޭތެރޭގައިވެސް ފުުޓިބޯޅަ ފޯރި ވަރަށް ގަދަ. ގެންގުޅުނު ފަރުގާލު ފޮށީގައިވެސް ހުރާ ކުޅުންތެރިންގެ ފޮޓޯ ތަތްކޮށްގެން އުޅުނީ. މަގޭޓީމު ބަލިވެއްޖިއްޔާ ރޮން. ބުނެލަން ބޭނުމީ ދިވެހި ފުޓުބޯޅަ މިހާރު ހަމަ ފީކަޅައީއޭ އެެހެންވެ ނުބަލަނީ.

The name is already taken The name is available. Register?

ސަބްރީ

10 November 2021

ހާމިދާކީ އިރުއަރާ މަންޒަރު ބަލާހިތްވާ މީހެއް

The name is already taken The name is available. Register?

ޙަޒާންދާރު

10 November 2021

ވަރަށް ސަޅިކޮށް ލިޔެފައިއޮތް އާޓިކަލް އެއް! މުސްތަޤްބަލުގައި ރަނގަޅު ބަދަލުތަކެއް ފުޓުބޯޅައަށް އަންނާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ދަނޑަށް ވަންނަ މީހާ

10 November 2021

ދިވެހިން ފުޓުބޯޅަ ބެލުން ހުއްޓާލީ އެކަންވެސް ސިޔާސީކުރީމަ. ޕާރޓީތަކުން ޓީމު ހިނގަން ފެށީމަ. ބޮޑެތި ރަސްމިއްޔާތު ބާއްވާފަ ކުޅުންތެރިން ޕާރޓީތަކަށް ސޮއި ކުރުވަން ފެށީމަ.

The name is already taken The name is available. Register?

އާރީ

10 November 2021

ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނި ނިއުރޭޑިޔަންޓާ ވިކުޓްރީ ގަލޮޅު ދަނޑަށް ނެރެގެން. މީ ހަގީގަތަކީ. ދިވެހި ރާއްޖޭގަ ސަފޯޓަރުން އޮތް ދެ ޓީމްގެ ސަފޯޓަރުން މާޔޫސްކޮށްލާފަ ކޮން ފޯރިއެއް ނެރެވޭނި.

The name is already taken The name is available. Register?

ފުޓްބޯޅަފޯރި

10 November 2021

ދެން ކުރިންއޮތްވަރުގެ ފުޓްބޯޅަ ފޯރިއެއް ގެނެވޭނެހެން ހީނުވޭ. ކިރިޔާވެސް ތިކަންވާނީ މިއަދު ސްކޫލްތަކުގަ ކިޔަވާކުދިންގެމެދު ދިވެހި ފުޓްބޯޅައިގެ ޝައުގުވެރިކަމެއް އުފެއްދިގެން. މިކަން ވާނީ މަސައްކަތްތަކެއްކޮއް ރޭވުންތަކެއް ރާވައިގެން.

The name is already taken The name is available. Register?

އާޝޯހު

10 November 2021

ދަނޑު ފޯރި ގެއްލުނީ ދިވެހިން ފުޓްބޯޅަ ކުޅެ ކުޅެ ކުރިޔަށް ނުދާތީ

The name is already taken The name is available. Register?

ޙައްޔު

10 November 2021

އަސްލުވެސް. ޢެތަށް ހޭދައެއްކޮށް ތަންތާ ކޭމްޕްޖަހާ 4 ލަނޑުޖަހާފަ އޮއްވަ ފަހަތުން ބަޔަކު އަރާ 4 ހަމަކިރާނީ ޓިމުގަ އަދި ކޯޗުގެވެސް އާރެއް ނެތީމަ. ދެން ބުނޭ ލަންކާޓީމު ހަމަ މޮޅީއޭ. އެހެންވީރު އެންމެ ފަހުން އިންޑިޔާ އަތުން ކީއްވެ ރާއްޖެ މޮޅުނުވީ ފަހަތުން އަރާ؟ ދެން މިވާ ބަލީގަ ޒިންމާ ނަގަން އެކަކުވެސް ނެތް. އިހަށްބުުނީ ސަޕޯޓަރުންނޭ. އެމީހުން ގޮސަ ދަނޑު ފުރާލީމަވެސް ނިިކުންނަންޖެހުނީ ލަދުން ބޮލާފޮށާ އެޅިގެން. ނޫސަވެރިން ތިބޭނެ ޓީމަށް ސަނާ ކިޔަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454