ޕީއެސްޖީގެ ކޯޗު ކަމުން ވަކިވާ، ޕޮޗެޓީނޯ އާއި އެ ޓީމުގެ ކޯޗު ކަމަށް އަންނާނެ ކަމަށް ބެލެވޭ ގަލްޓިއޭ
13 ޖޫން 2022 - 09:21
ޕެރިސް (ޖޫން 13) - ޕީއެސްޖީއާއެކު މަރުރީޝިއޯ ޕޮޗެޓީނޯ ހަދައިފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އެއްބަސްވުން އުވާލަން އެ ކްލަބުން ތައްޔާރު ވެއްޖެ އެވެ.
އެއްބަސްވުން އުވާލަން ޕީއެސްޖީން ނިންމީ މިދިޔަ ހަފުތާގައި ދެ ފެރާތުން ކުރި މަޝްވަރަތަކަށް ފަހު އެވެ. ދި އެތުލެޓިކް ނޫހުން ބުނި ގޮތުގައި ދެ ފަރާތުން އެކަމަށް އެއްބަސް ވެފައި ވީނަމަވެސް، ރަސްމީކޮށް އެކަން އިއުލާން ކުރަން ދެތިން ދުވަސް ހޭދަ ވާނެ އެވެ. އެއީ ޕީއެސްޖީ އާ ހަވާލުވާނެ ކޯޗެއްގެ ކަންކަން ހަމަޖެއްސުމަށް ނަގާ ވަގުތެވެ.
ޕީއެސްޖީން މަސައްކަތް ކުރަމުން ދަނީ، ވާދަވެރި ނީސްގެ ކޯޗް ކްރިޓޯފް ގަލްޓިއޭ ކޯޗަކަށް ގެނައުމަށް ކަމަށް ވެސް އެތުލެޓިކުން ބުނެފައި ވެއެވެ. ފްރެންޗް ލީގު 2021 ގައި ލިލް އަށް ހޯދައިދިން، ގަލްޓިއޭ އަށް ޕީއެސްޖީން ވިސްނަން ފެށީ، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ގެންދަން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން ޕީއެސްޖީން ވަނީ ދެ ފަހަރެއްގެ މަތިން ޒިދާން އާ ވާހަކަ ދައްކި ކަމަށެވެ.
ގަތަރުގެ ސަރުކާރާ ގުޅުން އޮންނަ ކްލަބްގެ ހުށަހެޅުމަށް ފްރާންސްގެ ކުރީގެ ކެޕްޓަން ދީލާ ނުލި ސަބަބަކީ، އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވުމުގެ އުންމީދު ޒިދާން ގެންގުޅޭތީ ކަމަށް ވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. ފްރާންސްގެ މިހާރުގެ ކޯޗު އަދި ޒިދާންގެ ކުރީގެ ޓިމު މޭޓް ޑިޑިއޭ ޑޯޝޯމްޕް، މިއަހަރުގެ ވޯލްޑް ކަޕަށް ފަހު ޓީމު ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޒިދާންގެ އިތުން، އޭއެސް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ އާ ވެސް ޕީއެސްޖީން ވާހަކަ ދެއްކި އެވެ. މިދިޔަ ސީޒަންގެ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ރޯމާ އަށް ހޯދައިދިން މޮރީނިއޯ ވަނީ، އެ ކްލަބަށް އޭނާ ދިން ޔަގީން ކަމާއެކު ކަލްބްގައި މަޑުކުރަން ނިންމައިފަ އެވެ.
މޮރީނިއޯ އާ ވާހަކަ ދެއްކުމުގެ ކުރިން ޕީއެސްޖީން ވަނީ، ކުރިން އޭނާ އާ އެކު މަސައްކަތް ކުރި ސްޕޯޓިން ޑައިރެކްޓާ ލުއިސް ކެމްޕޯސް ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ކަމަށް ހަމަޖައްސައިފަ އެވެ. ޕޮޗެޓީނޯ ދޫކޮށްލަން މަޝްވަރާ ކުރުމުގެ ކުރިން ޕީއެސްޖީން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، އޭރު ސްޕޯޓިން ޑައިރެކްޓާގެ މަގާމުގައި ހުރި ލިއޮނާޑޯ ގައުޗޯ މަގާމުން ދުރު ކުރުމެވެ.
ޕީއެސްޖީގެ އެންމެ މުހިންމު ކުޅުންތެރިޔާ، ކިލިޔަން އެމްބާޕޭ އޭއެސް މޮނާކޯގައި ހުރި އިރު، އެޓީމުގެ ސީނިއާ ސްކޮޑަށް އެމްބާޕޭ ރެކްރޫޓް ކުރީ ކެމްޕޯސްގެ ބެލުމުގެ ދަށުންނެވެ. މޮރީނިއޯ އާއި ކެމްޕޯސް ވަނީ މީގެ ކުރިން އެކުގައި ރެއާލްގައި މަސައްކަތް ކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްގައި މޮރީނިއޯ މަސައްކަތް ކުރި އިރު އޭނާ ވަނީ އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ކަމަށް ކެމްޕޯސް ހަމަޖެއްސުމަށް ބާރު އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސއޒސއ
14 June 2022
ފްރާންސްގެ ކުރީގެ ކެޕްޓަން ދީލާ ނުލި ސަބަބަކީ ބޫގަލް ހަދައިގެން ހޯދި ކާމިޔާބުު ދެން ތަކުރާރު ނުކުރެވޭނެތީ...