ބޮލީވުޑްގެ މަޝްހޫރު އެކްޝަން ފިލްމު ފްރެންޗައިޒް "ޑޮން"ގެ ތިންވަނަ ފިލްމުގެ ލީޑު އަންހެން އެކްޓަރުގެ ރޯލަށް ކިއާރާ އަދުވާނީ ހަމަޖައްސައިފި އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާ ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަކްތަރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެކްސެލް އެންޓަޓެއިންމަންޓް އިން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
އެ ރޯލަށް ކިއާރާ ނަގަން އުޅޭ ކަމުގެ އަޑުތައް މިދިޔަ އަހަރު ވެސް ފެތުރުނެވެ. ނަމަވެސް، އޭރު ފަރުހާން ބުނެފައި ވަނީ އެ ރޯލަށް އެކި އެކްޓަރުން ނަގަން އޮޑިޝަން ކުރަމުން އަންނަ ކަމަށެވެ.
"ޑޮން"ގެ ތިންވަނަ ފިލްމުގައި ޑޮންގެ ރޯލު ކުޅޭނީ ރަންވީރު ސިންގް ކަން މިދިޔަ އަހަރު އޮގަސްޓްގައި ވަނީ އިއުލާންކޮށްފަ އެވެ.
މި ފިލްމު ވާނީ ރަންވީރް އާއި ކިއާރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
ޑޮންގެ ފުރަަތަމަ ފިލްމު ގެނެސްދިނީ 1987 ގަ އެވެ. އެ ފިލްމުގައި ޑޮންގެ ރޯލު ކުޅުނީ އަމީތާބު ބައްޗަން އެވެ. ދެވަނަ ފިލްމު 2006 ގައި ގެނެސްދިން އިރު، އެ ފިލްމުގައި އެ ރޯލު ކުޅުނީ ޝާހްރުކް ހާނެވެ. އެ ދެ ފިލްމަކީ ވެސް ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ކާމިޔާބު ފިލްމުތަކެކެވެ.
"ޑޮން"ގެ ތިންވަނަ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރެވެ.