އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް ވަދެ މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ބަޑި ޖަހައި ފަލަސްތީނުގެ ހަ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލުގެ ސިފައިން ހަތިޔާރާއެކު އަސްކަރީ އުޅަނދުތަކުގައި، ހުޅަނގު އައްސޭރީގެ ނާބުލްސް އަށް ވަދެގަތީ ރޭ މެންދަމު ވަގުތުގަ އެވެ. އެ ވަގުތު ފަލަސްތީނު ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި ފަލަސްތީނުގެ ވެރިކަން ކުރާ ފަތަހް ޖަމާއަތުގެ ބައެއް ހަނގުރާމަވެރިން އެ ސަރަހައްދުގައި ހަތިޔާރާ އެކުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ނާބުލްސް އަށް ވަދެގަނެ، ހަތިޔާރު އަޅައިގެން ތިބި ފަލަސްތީނު ރައްޔިތުން ފެނުމާއެކު އެއްވެސް އިންޒާރެއް ދިނުމެއް ނެތި ހަމަލާ ދޭން ފެށީ އެވެ. ދެ ފަރާތުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެ އިތުރު 21 މީހަކު ޒަޚަވި އެވެ.
ނާބުލްސްގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި ފަސް މީހުންގެ ތެރޭގައި ހަތިޔާރެއް ނެތި މަގުމަތީގައި އުޅުނު ޒުވާނަކު ވެސް ޝަހީދުވި އެވެ. އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ރޭ ޝަހީދުވި ހަ ވަނަ ޒުވާނަކީ ރާމަﷲ ކައިރީގައި އޮންނަ ނަބީހް ސަލާހް ކިޔާ އަވަށެއްގައި އުޅުނު ޒުވާނެކެވެ. އެ ސަރަހައްދުގައި ތިބި ފަތަހް ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި ޝަހީދުވި ޒުވާނާގެ އުމުރަކީ 19 އަހަރެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމިއްޔާ އިން ބުނި ގޮތުގައި ނާބުލްސް އާއި ރާމަﷲގައި ރޭ ހިނގި ކުރިމަތިލުންތަކުގައި ޒަޚަމްވެގެން މަގުމައްޗަށް ވެއްޓިފައި ތިބި މީހުން ހޮސްޕިޓަލަށް ގެންދަން އުޅުމުން، އިޒްރޭލު ސިފައިން ވަނީ އެކަމަށް ހުރަސްއަޅައިފަ އެވެ.
ފލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އިޒްރޭލު ސިފައިން ރޭ ނާބުލްސް އަށް ވަދަގެން އުޅުނު އިރު، ބައެއް އިމާރާތްތަކުގެ ފުރާޅު މަތީގައި، އިޒްރޭލުގެ ސްނައިޕާ ހަމަލާވެރިން ތިއްބެވެ. އަދި ނާބުލްސްގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނީ ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން ރޮކެޓްގެ ޒަރީއާއިން ކަމަށް ވެސް އެ މަސްދަރުތަކުން ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޭގައި ހިނގި ކުރިމަތިލުމުގައި ހަ ޒުވާނުން ޝަހީދުވުމާ ގުޅިގެން، ފަލަސްތީނުގެ ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. މިއަދު ވެސް ނާބުލްސް އާއި ހުޅަނގު އައްސޭރީގެ އެހެން ބައެއް ސަރަހައްދުތަކުގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.