ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގުމުގެ ތުހުމަތު ކުރެވިފައިވާ ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕުން ނަގާފައިވާ 2.2 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިފި ނަމަ ހ. ސިއްކަގޭހުޅަނގުގެ ބައެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބޭންކަށް ދީފި އެވެ.
ފަތުހު ޖަމާއަތާއި އެ ޖަމާއަތުގެ ވެރިޔާ މުހައްމަދު މުސްތަފާ އާއި އިތުރު ބައެއްގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ހުކުމް ކޮށްފައި ވަނީ ބޭންކް މޯލްޑިވްސް އިން ފަތުހު ޖަމާއަތަށް ދޫކުރި 2.3 މިލިއަން ރުފިޔާގެ ތެރެއިން 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކުމުން އެ ފައިސާ ހޯދަން ބޭންކުން ދައުވާ ކުރުމުންނެވެ.
ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ އަކީ ދައްކަން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށާއި އެހެންވެ ހަތް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. އަދި މި މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، ރަހުނުކޮށްފައިވާ އިމާރާތް ވިއްކާލުމަށް ވަނީ ހުއްދަ ދީފަ އެވެ. އެ ހުކުމްކޮޮށްފައި ވަނީ އެ ލޯނު ނެގި ފަތުހު ޖަމާއަތާއި އެ ލޯނަށް ގެރެންޓީ ދިން ފަރާތްތައް ކަމަށްވާ މުސްތަފާ އާއި ހ. ސިއްކަގޭހުޅަނގުގެ މަރިޔަމް ރަޝީދާ އަދި އެގޭ ހަސަން ރަޝީދުގެ މައްޗަށެވެ.
މުސްތަފާގެ މައްޗަށް މި ހުކުމް ރައްދުވާއިރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 2013 ގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި މުސްތަފާގެ މައްޗަށް ޖިނާއީ ދައުވާއެއް ވެސް ދައުލަތުން ވަނީ އުފުލައިިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.