ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އެހެން ހަތަރު މީހަކު ގެރެންޓީ ދީގެން އެމްއައިބީއިން ކުންފުންޏަކަށް ދޫކޮށްފައިވާ ލޯނެއް ނުދައްކައިގެން ސިވިލް ކޯޓުން އިއްޔެ ހުކުމެއް ކޮށްފި އެވެ.

އެ ހުކުމުގައިވާ ގޮތުން ޝަމްހީދު ހިމެނޭހެން ފަސް މީހަކާ ދެކޮޅަށް އެމްއައިބީއިން ދައުވާކުރީ އެ ބޭންކުން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"އަކަށް ފައިސާ ދައްކަން އެއްބަސްވި ގޮތަށް ފައިސާ ނުދައްކައިގެންނެވެ.

އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ލޯނުގެ ބާކީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

ހުކުމުގައިވާ ގޮތުން، އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ ޝަމްހީދު ހިމެނިވަޑައިގަންނަވާހެން ޑުޕްލެކްސް ކުންފުންޏަށް ބޭންކް ގެރެންޓީ ދިން ފަސް މީހުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 36،647.76 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ. އޭގެ އިތުރުން އެ ލޯނަށް ގަވާއިދުން ފައިސާ ނުދައްކާތީ ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާ އާއި "ޗެރިޓީ" އަށް ވާ ފައިސާ ވެސް މި ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ.

ހުކުމުން އެނގޭ ގޮތުން ޝަމްހީދާއި އެހެން ހަތަރު މީހަކު ގެރެންޓީ ދީގެން ޑުޕްލެކްސްއަށް ފެސިލިޓީއެއް ދޫކުރީ ސަފާރީއެއް ރަހުނު ކޮށްފަ އެވެ. ޑުޕްލެކްްސް ކްރޫޒް ނަމަކަށް ކިޔާ އެ އުޅަނދު ވެސް ހުކުމާ އެއްގޮތަށް ލޯނު ނުދައްކާ ނަމަ އެމްއައިބީއަށް ވިއްކާލަން ޖެހެ އެވެ.

އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ޝަމްހީދު ކެމްޕެއިން ކުރައްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.