އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.
ޝަމްހީދު "މިހާރު"އަށް ވިދާޅުވީ ރާއްޖެ އޮތީ ގިނަ ގޮތްގޮތުން ފެއިލްވެފައި ކަމަށެވެ. ސިޔާސީ ދާއިރާއިން އާ މޫނުތަކަށް ޖާގަ ދީ، ރައްޔިތުންނަށް ވެރިކަން ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ވިސްނުންތަކާ އެކު ވެރިކަންކުރަން ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށެވެ.
"އެމްޑީޕީ އަދި ރައްޔިތުން ވެސް ބޭނުންވޭ ރައްޔިތުންގެ ހަގގީ މައްސަލައަށް އެޑްރެސްކުރާނެ ވެރިން. އެލީޓް ވަކި ބައެއްގެ ތެރޭގައި ވެރިކަން އެނބުރެނީ. ރައްޔިތުންގެ ތާއިދު ލިބޭނެ ކަމަށް ބަލަނީ،" ޝަމްހީދު ވިދާޅުވި އެވެ.
"މަޖިލީހަށް ނުކުމެ ވެސް މި ފެންނަނީ ފެއިލްވެފައިވާ ސިޔާސަތު. ރައްޔިތުންނަށް އެހެން ގޮތްތަކެެއް އޮތްކަން ބުނެދިނުމަކީ ކުރަންޖެހޭކަމެއް،" ޝަމްހީދު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެ ދެ ބޭފުޅުން ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ޝަމްހީދު ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް އޮތްކަމުގެ ޔަގީން މެސެޖާ އެކު ރިޔާސީ ޕްރައިމަރީ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.