ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދަރަނި ދައްކައި ހަލާސް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް 2028 އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް ހޯއްދަވަން މަސައްކަތް ކުރައްވާ ޝަމްހީދު ނެރުއްވި ބަޔާނެއްގައި އެހެން ވިދާޅުވީ، އެހެން ހަތަރު މީހަކު ގެރެންޓީ ދީގެން އެމްއައިބީއިން ކުންފުންޏަކަށް ދޫކޮށްފައިވާ ލޯނެއް ނުދައްކައިގެން ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެންނެވެ. 

އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ލޯނުގެ ބާކީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޝަމްހީދު ހިމެނޭހެން ފަސް މީހުންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

ހުކުމުގައިވާ ގޮތުން، ޝަމްހީދު ހިމެނިވަޑައިގަންނަވާހެން ޑުޕްލެކްސް ކުންފުންޏަށް ބޭންކް ގެރެންޓީ ދިން ފަސް މީހުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 36،647.76 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ. އޭގެ އިތުރުން އެ ލޯނަށް ގަވާއިދުން ފައިސާ ނުދައްކާތީ ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާ އާއި "ޗެރިޓީ" އަށް ވާ ފައިސާ ވެސް މި ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

މި މައްސަލާގައި ޝަމްހީދު އޭނާގެ ދިފާއުގައި ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާ އެކު ވިޔަފާރި ކުރަން އުފެެއްދި ކުންފުންޏެއް ކަމަށެވެ. އެކަމަކު، ޝަމްހީދު މިހާރު ވިދާޅުވާ ގޮތުން އެ އެ ކުންފުނި ހިންގުމުގައި އިސްކޮށް ތިބި މީހުން ވަނީ އޭނާއާ ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމައިފަ އެވެ.

އަދި އެ ގޮތަށް ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ "މިފަދަ އަމިއްލަ މަސްލަހަތު ހުރި ކަންކަން" ސިޔާސީ ކަންކަމަށް ބަދަލުކޮށް އޭނާގެ އަބުރު ނަގާލަން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ، އެމްއައިބީ މެދުވެރިކޮށް އެ ލޯނު ނެގި ފެސިލިޓީއަށް ފައިސާ ނުދައްކާ އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން ޑުޕްލެކްސް ކުންފުނި ހިންގުމުގަ އާއި ފައިނޭންސްގެ ކަންތައްތަކުގައި ޒިންމާވާ ފަރާތްތަކާ ވާހަކަ ދައްކަވައި، ލޯނު އަނބުރާ ދައްކަން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށެވެ.

"ނަމަވެސް އެ ފަރާތްތަކުން ފައިސާ ނުދައްކާތީވެ، އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް މިގެންދަނީ ފައިސާ ދައްކަމުންނެވެ،" ބަޔާނުގައި ޝަމްހީދު ވިދާޅުވި އެވެ.

ޑުޕްލެކްސް ކުންފުނީގެ ހިއްސާދާރުންނަކީ އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްގައިވާ ގޮތުން:

  1. އަހުމަދު އަސްލަމް
  2. އަހުމަދު ސައީދު
  3. އަހުމަދު ޝަމްހީދު
  4. މުހައްމަދު ހަމްދާން ބާގިރު
  5. މުހައްމަދު ފިޔާޒް

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަސްލަމެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، ލޯނުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވެސް ޑުޕްލެކްސް ކުންފުނި ހިންގަން ތިބި ފަރާތްތަކުން ސަމާލުކަމެއް ނުދިންތާގައި ކޯޓަށް ޖަވާބުދާރީއެއް ވެސް ނުވި އެވެ.

ޝަމްހީދު ވިދާޅުވީ، ލޯނު ނުދައްކާ މައްސަލާގައި ހުކުމް ކުރުމުގެ ކުރިން އޭނާ ކޯޓަށް ހާޒިރު ވެސް ނުކުރާ ކަމަށާއި މައްސަލަ ނިންމިކަން އެންގީ ވެސް އީމެއިލުން ކަަމަށެވެ. 

"މި ލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް ގާނޫނީ ގޮތުން އަޅުގަނޑާ މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ލޯނު ނެގީ ޑުޕްލެކްސް ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށެވެ. އެ ކަމަކު އެ ލޯނު ނެގެން އޭނާ ގެރެންޓީ ދެއްވައިގެން ކަމަށް ވާތީ އެކަން ކުރެއްވީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ހުކުމުގައިވާ ގޮތުން ޝަމްހީދު ހިމެނޭހެން ފަސް މީހަކާ ދެކޮޅަށް އެމްއައިބީއިން ދައުވާކުރީ އެ ބޭންކުން ޑުޕްލެކްސް ކުންފުންޏަށް ދޫކޮށްފައިވާ 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"އަކަށް ފައިސާ ދައްކަން އެއްބަސްވި ގޮތަށް ފައިސާ ނުދައްކައިގެންނެވެ.