ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކުގެ ގެ: އެ ގެ ވިއްކާލަން ބޭންކުން ވަނީ އިއުލާން ކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
04 ސެޕްޓެމްބަރ 2025 - 13:10
ތިން މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ނުދައްކައިގެން ވިއްކާލަން އިސްލާމިކް ބޭންކުން އިއުލާނުކުރީ އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ތ. ކަޅުދިޔަފުށީގައި ރިސޯޓް ތަރައްގީކުރަން ރަހުނުކުރި، ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މަނިކު ދޮންމަނިކުގެ ގޯތިކަން އެނގިއްޖެ އެވެ.
ވިއްކާލަން އިއުލާނުކޮށްފައިވާ 1،469 އަކަފޫޓުގެ ގ. ފަނަސް އަކީ އަމީނީމަގުގައި، މަޝްހޫރު އޮޑެގައްލޭ ކެފޭ ވެސް ހިންގާ، ބޮޑު އިމާރާތް ހުންނަ ބިމެވެ.
ބިމާއި އިމާރާތާ އެކު އެ ތަން ވިއްކާން އިސްލާމިކް ބޭންކުން ނީލަން ފަށާ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 30,230,000ރ. އެވެ.
އެ ގޯތި ރަހުނުކުރުމަށް ފަހު އިސްލާމިކް ބޭންކުން 3,406,369.50 ޑޮލަރު (52.5 މިލިއަން ރުފިޔާ) ގެ މުރާބަހާގެ ޖެނަރަލް އެސެޓް ފައިނޭންސިން ފެސިލިޓީއެއް ނަގާފައިވަނީ ހުރަވީ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހުސައިން މަނިކު ދޮންމަނިކެވެ. އަދި ޑިރެކްޓަރެއްގެ ގޮތުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.
ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު މަޖިލީހުގައި.
ހިއްސާދާރުންގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އެޅުމުގެ މަސައްކަތް ހަވާލުކުރި އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ އާއި އެޑޯން އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއް ހިމެނޭއިރު އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ރާއްޖޭން ބޭރުގެ ދެ މީހަކާ އެކު ދެން ހިމެނޭ އެފްއޭ އެވެ.
އެ ފައިސާ ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ. އަދި އޭގެ ފަހުން ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމުން ހައި ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއިދުކޮށްފަ އެވެ.
އެހެންވެ، ލޯނު ނުދެއްކުމުގެ ސަބަބުން ތަންފީޒީ މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ރަހުނު ކުރި ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފަ އެވެ. ގ. ފަނަސް ވިއްކާލަން އެމްއައިބީން އިއުލާނުކުރީ އެ ގޯއްޗާއި ގޯތީގައި ހުރި ނުއުފުލޭ މުދަލާ އެކު އެވެ.
ރިސޯޓް ތަރައްގީކުރަން ހުސެއިން މަނިކުގެ ކުންފުންޏަށް އެމްއެމްޕީއާރްސީން އޯގަސްޓް 24، 2015 ގައި ދޫކުރި ކަޅުދިޔަފުށީގެ މަސައްކަތް ފެށީ ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް"އާ އެކު އެވެ. ނަމަވެސް، ރިސޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް، އެކަން ފަހުން ހުއްޓުނީ އެވެ.
އެ ރިސޯޓް ތަރައްގީ ކުރަން ފެށީ 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރިއާ އެކު 2017 އަށް ނިންމާ ގޮތަށެވެ. ރިސޯޓްގެ މަސައްކަތަށް ހުރަވީ ކުންފުނިން 10.6 މިލިއަން ޑޮލަރުގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ވެސް ނެގި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެ ލޯނު ނަގާފައިވަނީ ކަޅުދިޔަފުށި ރަހުނުކުރުމަށް ފަހު އެވެ. އެ ލޯނު ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅުމުން ފައިސާ ދައްކަން އެންގި މުއްދަތުގައި ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ، އެ ރަށް ވިއްކާލަން ވެސް ކޯޓުގެ ހުއްދައާ އެކު ބޭންކުން އެތައް ފަހަރަކު އިއުލާނުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަޖައިބު
05 September 2025
ޢެމްއައިބީ ރިސޯޓު ހަދަން ލޯނު ދޭތަ. ވިއްކާލަން އޮތީ އަގު ނުލިބޭ ރަހުނެއް.
ދެރަސޮރު
05 September 2025
ތި ގެ ގަނެވޭނީ މިހާރުގެ މަޖިލިސް މެންބަރުންނަށް މާލީ ބަޔާނުން އެނގޭނެ ގަނެވޭނެ އަދި ގޯތި ގަންނަން އުޅޭ މެންބަރުން, އެކުދިން މިހާރު ތިބޭނީ ތިކަމަށް ފެންބޮވައިގެންފަ
އިސްލާމިކް ފައިނޭންސް
05 September 2025
ޢެމްއައިބީ އިން ލޯނު ދޫކުރަނީ އިސްލާމިކް ފައިނޭންސް ގެތެރެއިން. މި އާ އެހެންބޭންކު ތަކުން ދޫކުރާ ލޯނުގެ މައގަނޑު އެއްތަފާތަކީ ލޯނު ނުދެއްކުނަސް ރަހުނު ކުރާތަންބޭންކުން ނަގާވިއްކާނުލެވޭނެޔޭ ބުނާވާހަކަ. ބޭންކުންތަންނަގާ ލޯނުގެ ބާކީ ލިބެންޖެހޭވަރެއް ކުއްޔަށްދީގެންވިޔަސް ހޯދުމަށްފަހު ތަންއަނބުރާ ވެރިފަރާތަށް ދެވޭނެޔޭ ބުނާވާހަކަ. މިހާރު މިވީ ގޮތެއްނޭގުނު. ޢެމްއައިބީ ވ ސަލާމް
ގުރައިދޫ މީހާ
05 September 2025
މިގައުމުގައި ފުލުހުން ނުހިމެނޭ ގޮތެއް އެއްވެސް ޖަރީމާއެއް ނުހިނގައޭ ބުނުން ދޮޮގަކަށް ނުވާނެ. ތިކަމުގައިވެސް ކުރީގެ ފޮލިސްއެއް އެބަހިމެނޭ. މީ ބާރު އޮތް އިރު ގަދަ ދައްކާފަ ލޯނު ނުދައްކަން ހިފީމަ ވާގޮތް. ނުވާވަރުން ސަރުކާރުގެ ނިވަލުގައި ތިބެ ހާވާ ހަޑީގެ ހިތި
އުއްތަމަ އުސުްތާޛް
05 September 2025
މިކަން ޖަރީމާއަށް ވަނީ ކިހިނެތް؟ މިއީ ލޯނެއް ނުދެއްކުން. އެއީ ޖިނާއީ ކުށެއް ނޫން. ދެން ރަހުނު ކުރި އެތި ވިއްކާލީމާ އެކަން ނިމުނީ...
މިހެންނުހެދޭނެބާ
04 September 2025
ވެލާނާގެ ސަރުކާރަށް ބައްލަވައިގަތް ގޮތަށް މި އިމާރާތްވެސް ސަރުކާރަށް ބައްލަވައިގަނެވޭކަށް ނޯންނާނެބާ؟ބިމަކީ ބަންޑާރަބިމެއްނޫންތޯ؟ އިމާރާތް ސަރުކާރަށް ބައްލަވައިގަތުމަށްފަހު މަރާމާތުކުރައްވާފައި މިހާރު އަމިއްލަމީސްމީހުންގެއިމާރާތްތަކުގައި ބޮޑުކުއްޔަށްހިންގަމުންގެންދާ މުއައްސަސާތައް އެތަނަށް ބަދަލުކޮށްފިއްޔާ ދިގުނޫންމުއްދަތެއްގެތެރޭގައި ދައުލަތުގެ ބަޖެޓަށް ލުއިކަމެއް ލިބިގެންދާނެކަމަށް ބެލެވޭތީ މިދެންނެވީ. އިމާރާތްހުރީ ރަނގަޅު ލޮކޭޝަނެއްގައިވެސްމެ.
ޑރ ވާންޗޯ
04 September 2025
ހަމަކޮންމެ މީހަކަށްވެސް 1400 އަކަފޫޓުގެ ގޯއްޗެއް އޮތިއްޔާ 52 މިލިއަން ބެންކުންދޭނެތަ؟. ތިޔަލޯނު ނުދައްކާނެކަން ދިންއިރުވެސް ބެންކަށްއެނގޭނެ. މީގެ 15 ވަރަކަށް އަހަރުކުރީގެ ލޯނެއް، އޭރު ތިޔައަގަށް ތީގެ 3 ގޯތި ގަނެފަ އިމާރާތްވެސް ކުރެވޭނެ.
raajje
04 September 2025
ލޯނުނުދެއްކީމާ ރަށްރަށްވެސް ވިއްކޭތަ، އަޖައިބެއް މިކިހިނެއްވާކަމެއް؟ ރިޒޯޓުތަރައްގީކުރަން ވަކިމުއްދަތަކަށް ދީފައޮންނަ ރަށަކީ ލޯނުނެގުމަށް ރަހުނުކުރާކަށް ރަށް އެއީކީ ލޯނުނަގާފަރާތުގެ މިލްކެއްނޫނެއްނުން؟ ހެހެ ކިހިނެއްހޭ މިވަނީ މަށަކަށްގެޓެއްނުވޭ
ނުވިކޭނެ
04 September 2025
މިހާރު ތިއަގައް ވިކޭނެހެން ހީއެއްނުވޭ.
އަސްލު.......
04 September 2025
ވަރަށް މަޝްއޫރު ނަމެއްތީ....
ވިޔަފާރި 2025
04 September 2025
މިވެސް ކުންފުނި ހަދައިގެން ވިޔަފާރި ހިންގާ ގޮތެއް؟ މަމެން ނިކަމެތިންގެ ކަންމަތީ ފިހާރަ މާ ރަނގަޅުތާދޯ؟