މާލޭގެ ގެއެއް އިމާރާތް ކުރުމަށް ނެގި ފައިނޭންސް ފެސިލިޓީއަކަށް ފައިސާ ނުދެއްކުމުން، އެ ގެ ނީލަމުގައި ވިއްކާލަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިއުލާންކޮށްފި އެވެ.

އެމްއައިބީގެ އިއުލާނުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެމްއައިބީގެ ކޮންސްޓްރަކްޝަން ފައިނޭންސިން ފެސިލިޓީއާ ގުޅިގެން ރަހުނު ކޮށްފައިވާ މއ. ކުދިމަގޫގެ ވިއްކާލުމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެ ގެ ވިއްކާލަނީ އެމްއައިބީ މެދުވެރިކޮށް ނެގި 2.6 މިލިއަން ރުފިޔާގެ ލޯނު ކަނޑައަޅާފައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުންނެވެ. އެ ފައިނޭންސިން ފެސިލިޓީ ނެގީ 2012 ވަނަ އަހަރު އެވެ.

އެ ގެ ވިއްކާލުމަށް ނީލަން ފެށޭ އަގަކީ 12.6 މިލިއަން ރުފިޔާ އެވެ. ނީލަމަށް އަގު ހުށަހެޅުން މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

ނަމަވެސް އެ އިއުލާނުގައިވާ ގޮތުން ބިޑަށް ހުޅުވާލާނީ މި މަހުގެ 26  ވަނަ ދުވަހުގެ މެންދުރު 1 ޖަހާ އިރު އެމްއައިބީގެ ހެޑް އޮފީހުގެ ތިން ވަނަ ފްލޯގައި ކަމަށެވެ. އަދި ނީލަމުގައި އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ސިޓީތައް، ހާޒިރުވި މީހުންގެ ކުރިމަތީގައި ކަނޑާނެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ހުށަހަޅާ އެންމެ މަތީ އަގަކީ ނީލަން ފަށާ ކަމަށެވެ. ނަމަވެސް އެ އަގަށް ވުރެ ބޮޑު އަގެއް އެދުވަހު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. 

ނީލަން ކުރިއަށް ދާނެ ގޮތް

  • ހުށަހަޅާ އެންމެ މަތީ އަގަކީ ނީލަން ފަށާނެ އަގު
  • ނީލަން ފެށި އަގަށް ވުރެ ބޮޑު އަގެއް ހުށަހެޅުުގެ ފުރުސަތު އެދުވަހު އޮންނާނެ
  • ކުރިން އަގު ހުށަހެޅި މީހުންގެ އިތުރުން އަލަށް އަގު ހުށަހަޅަން ވެސް ފުރުސަތު ލިބޭނެ
  • އަގު ހުށަހަޅާއިރު މަދުވެގެން 500،000ރ. ވުރެ ބޮޑު އަދަދެއް އިތުރަށް ހުށަހަޅަން ޖެހޭނެ
  •  ހުށަހަޅާފައިވާ އަގަށް ވުރެ އިތުރަށް އަގު އިތުރުކުރަން ހާޒިރުވި ތިބި މީހުން ބޭނުންނުވާ ނަމަ އެ ހިސާބުން ނީލަން ނިންމާލާނެ

އެމްއައިބީ އިން ބުނީ ނީލަން ކާމިޔާބު ކުރާ ފަރާތުން އެ ބޭންކުން އަންގާ މުއްދަތުގެ ތެރޭގައި ހުށަހެޅި އަގަށްވާ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. ނުދައްކައިފި ނަމަ އެ ހުށަހެޅުން ބާތިލް ކުރުމަށް ފަހު ދެން އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަކަށް އެތަން ވިއްކާލެވޭނެ އެވެ.

މި ނީލަމުގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑުގައި ބައިވެރިވެވޭނީ ބިޑް ސެކިއުރިޓީ ދައްކާ ފަރާތްތަކަށެވެ.