ކޯޓޭޝަން ހޯދިތޯ އެކަނި ބަލައިގެން އިންޓާނަލް އޮޑިޓަރުންގެ ޒިންމާ ނުނިމޭ ކަމަށާއި ކުންފުނީގެ މާލީ ކަންކަން ޒިންމާދާރު ކުރުވުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ފެށި ސްޓޭޓް އިންޓާނަލް އޮޑިޓަރުންގެ ފުރަތަމަ ކޮންފަރެންސްގައި އޭނާ ވިދާޅުވީ، ދަތުލަތުގެ މާލިއްޔަތު ގަވައިދަށް އަމަލުކުރާ ކަން ޔަގީން ކުރުމުގައި ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ މިސާލު ނެންގެވީ ކޯޓޭޝަން ނެގުމުގައި އަމަލުކުރަން ޖެހޭ ގޮތުންނެވެ.
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ، އެއީ ކޯޓޭޝަން ނަގައިގެން ކުރަންޖެހޭ ކަމެއްތޯ އާއި ކޯޓޭޝަން ހޯދާފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ތޯ އާއި އެއީ ހަގީގަތުގައި ވެސް ކުރަންޖެހޭ މަސައްކަތެއްތޯ އާއި އަދި ކޯޓޭޝަން ހޯދަނީ އަބަދު އެއްބައެއްގެ އަތުންތޯ ފަދަ ކަންކަން އިންޓާނަލް އޮޑިޓަރުން ބަލަން ޖެހޭނެ ކަމަށެވެ.
"އެހެންވީމާ ހަމައެކަނި ކޯޓޭޝަނާ ހިސާބުން މަސައްކަތް ނިންމާލެވޭ ކަމަށް ވެއްޖެއްޔާ މި ބުނާ މައިންޑްސެޓް ބަދަލު ކުރެވޭ ހިސާބާ ހަމައަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އޮޑިޓް ކުރާ ނަމަ ގިނަ ބަޔަކަށް މި ހީވަނީ އެ އަންނަނީ، އެ ބައެއްގެ ކުށެއް ހޯދުމަށް ކަމަށް. ނުވަތަ ނުކުރެވި ހުރި ކަންކަން ބުނެދޭން ކަމަށް. އިންޓާނަލް އޮޑިޓް ކުރުމަކީ މަސައްކަތުގެ ބައެއް. ކަމެއް އަތްދަށުން ދޫވެގެންދާ ވަރު ކުރިއާލައި ދަނެގަނެ، މައްސަލަތައް ދިމާވުމުގެ ކުރިން ހައްލު ކުރުން،" ފަތުހުﷲ ވިދާޅުވި އެވެ.
"އިންޓާނަލް އޮޑިޓަރުން ވެސް އަދި ކޮމިޓީތަކުން ވެސް އޮފީސްތައް ހިންގަވަން ތިބޭ ބޭފުޅުން ވެސް އެބަ ސާބިތު ކޮށްދޭން ޖެހޭ އިންޓާނަލް އޮޑިޓަކީ އޮފީހެއްގެ ކުށް ހޯދުމަށް ވުރެ އޮފީހެއްގެ ހިންގުން ހަރުދަނާކޮށް، އޮފީހެއްގެ ތެރެއިން ގަސްދުގައި އަދި ގަސްތަކާ ނުލައި ވެސް ކުރާ ނުރަނގަޅު ކަންކަން ފާހަގަކޮށް، އެ ކަންކަން އިސްލާހު ކުރަން މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަން."
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މިއަދުގެ ރަސްމިއްުޔާތުގައި ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާވެ، ނަތީޖާ ނެރެވޭ އެންމެ ބޮޑު އެއް ސަބަބަކީ، އޮޑިޓް ނިޒާމުގެ ތެރެއިން އިދާރާތައް ޒިންމާދާރު ކުރެވޭތީ ކަމަށެވެ. މި ނިޒާމަށް ފުރިހަމައަށް އަމަލުކުރެވެން ފެށީ އަދި ކިރިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޓާނަލް ކޮންފަރެންސްގައި ރާއްޖޭގެ ގިނަ އިދާރާތެއްގެ އޮޑިޓަރުން ބައިވެރިވެ އެވެ.