ބުދަޕެސްޓް (މެއި 30) - ޕެނަލްޓީ ޝޫޓައުޓްގައި އާސެނަލް ބަލިކޮށް އެންމެ ފަހުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ، މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ،
މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ވަނީ 1-1 އިން އެއްވަރު ވެފަ އެވެ. ޕެނަލްޓީ ޖަހަން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުންނެވެ. ޕެނަލްޓީގައި ޕީއެސްޖީ މޮޅުވީ 4-3 އިންނެވެ.
މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް ވަނީ ފައިނަލް މެޗުގެ ފަސްވަނަ މިނިޓުގައި ކައި ހަވާޓްޒްގެ ގޯލަކުން ލީޑު ނަގައިފަ އެވެ.
ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއަކުން އުސްމާން ޑެމްބެލޭ އެއްވަރު ކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. މިއީ ކްރިސްޓިއަން މޮސްކޭރާ، ޕީއެސްޖީގެ ކިވިޗާ ކްވަރަޓްސްކޭލިއާ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.
ޕެނަލްޓީ ޝޫޓައުޓްގައި ޕީއެސްޖީ ވަނީ ގޮންސާލޯ ރާމޯސް އާއި ޑިޒިރޭ ޑޫއޭ އަދި އަޝްރަފް ހަކީމީ އާއި ލޫކަސް ބެރާލްޑޯގެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ނާކާމިޔާބު ވީ ތިންވަނައަށް ފޮނުވާލި ނޫނޯ މެންޑޭޒްގެ ޕެނަލްޓީ އެވެ. އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ އެ ޕެނަލްޓީ މަތަ ކޮށްފަ އެވެ.
އާސެނަލްގެ ފުރަތަމަ ޕެނަލްޓީ ވިކްޓާ ޔޯކެރޭސް ކާމިޔާބު ކުރި އިރު، ދެވަނަ ޕެނަލްޓީ އެބެރޭޗީ އެޒީ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. އެއަށް ފަހު ޑެކްލަން ރައިސް އާއި ގެބްރިއެލް މާޓިނެއްލީގެ ޕެނަލްޓީ ކާމިޔާބު ކޮށްފައި ވަނިކޮށް ޕީއެސްޖީއަށް ޗެމްޕިއަންކަން ކަށަވަރުވީ، ގެބްރިއެލް މަގަޅޭސް ފޮނުވާލި އާސެނަލްގެ ފަސްވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
ނާކާމިޔާބު ވިއަސް އާސެނަލްގެ ގޯލްކީޕަރު ރާޔާ ވަނީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ނުވަ މެޗުގައި އެ ޓީމު ކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިފަ އެވެ. އަދި އެ ޓީމު ކޮޅަށް ވަދެފައި ވަނީ ހަ ގޯލެެވެ. މިއީ މި ސީޒަންގެ ރެކޯޑެކެވެ.
މިއާ އެކު، މިދިޔަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީ ވެފައި ވަނީ ޖެހިޖެހިގެން ދެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފް ހޯދި ނުވަވަނަ ކްލަބަށެވެ. މީގެ ކުރިން ޔޫރަޕިއަން ކަޕް ނަމުގައި މުބާރާތް ކުރިއަށް ގެންދިޔަ ދުވަސްވަރު މި ޝަރަފް ހޯދާފައި ވަނީ ރެއާލް މެޑްރިޑާއި އޭސީ މިލާނާއި އިންޓަ މިލާނުގެ އިތުރުން ބެންފީކާ އާއި އަޔެކްސް އަދި ބެޔާން މިއުނިކާއި ލިވަޕޫލް އަދި ނޮޓްނަމް ފޮރެސްޓެވެ. އެއަށް ފަހު 1992 ގައި ޗެމްޕިއަންސް ލީގަށް ރީބްރޭންޑް ކުރި ފަހުން މުބާރާތް ޖެހިޖެހިގެން ހޯދާފައި ވަނީ ޕީއެސްޖީގެ އިތުރުން ރެއާލް މެޑްރިޑެވެ.
ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީ ވަނީ މި ސީޒަންގައި ޗެމްޕިއަންސް ލީގާ އެކު ޖުމްލަ ފަސް ތަށި ކާމިޔާބު ކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން، ޔޫއެފާ އިންޓަކޮންޓިނެންޓަލް ކަޕާއި ޔޫއެފާ ސުޕަ ކަޕް އަދި ފްރެންޗް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީ ޝޫޓައުޓްގައި ކުރި ހޯދައިގެންނެވެ.
މިއީ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ދެވަނަ ފަހަރެވެ. ދެ ފަހަރު ވެސް އާސެނަލް ބަލި ވެފައި ވަނީ އެ ޓީމު ފުރަތަމަ ލީޑު ނަގާފައި ވަނިކޮށެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ކުޅުނު ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ފުރަތަމަ ހާފުގައި ލީޑު ނަގާފައި ވަނިކޮށް ބަލިވީ ފަހު 15 މިނިޓު ތެރޭ އެ ޓީމު ކޮޅަށް ވަން ދެ ގޯލުންނެވެ. ދެ ފަހަރު ވެސް އާސެނަލް ފައިނަލަށް ދަތުރު ކުރީ މެޗަކުން ބަލި ނުވެ އެވެ.
މި ސީޒަންގައި ޔޫރަޕްގެ ތިން ފަންތީގެ މުބާރާތުގެ ފައިނަލްގައި ވެސް އިނގިރޭސި ކްލަބެއް ވާދަ ކޮށްފައިވެ އެވެ. ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ކަން ކްރިސްޓަލް ޕެލަސް ހޯދާފައި ވާއިރު، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ އެސްޓަން ވިލާ އެވެ. ނަމަވެސް އާސެނަލް އަށް ޗެމްޕިއަންސް ލީގުގައި މި ވަނީ ނާކާމިޔާބު ވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް މުބާރާތް ކާމިޔާބު ނުކުރެވި، މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކްލަބަކީ އާސެނަލް އެވެ. މިރޭގެ ފައިނަލަކީ އާސެނަލް ޗެމްޕިއަންސް ލީގުގައި ކުޅުނު 226 ވަނަ މެޗެވެ.