ލަންޑަން (16 މެއި) - މެޗުގެ އިތުރު ވަގުތުގައި ގޯލްކީޕަރު އެލިސަން ބެކާ ބޮލުން ކާމިޔާބުކުރި ލަނޑާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ބްރޮމް އަތުން 2-1 އިން މޮޅުވެ، ލިވަޕޫލް ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ދެމެހެއްޓުމަށް ލިވަޕޫލަށް މޮޅުވުން މަޖުބޫރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް، މެޗުގެ ނަތީޖާ އޮތީ 1-1 ން އެއްވަރުވެފަ އެވެ.
ވެސްޓް ބްރޮމްގެ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ހަލް ރޮބްސަން ކާނޫ އެވެ. އެކަމަކު މެޗުގެ 33 ވަނަ މިނިޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗު 1-1 އިން އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލަށް ލިބުނު ކޯނަރަކަށް އެލިސަން ވަނީ ގޯލު ދޫކޮށް، ވެސްޓް ބްރޮމްގެ ހާފުގެ ތެރެއަށް ވަދެފަ އެވެ. އަދި ލިވަޕޫލަށް މެޗުގެ ނަތީޖާ އަނބުރާލުމަށް ލިބުނު ފަހު ފުރުސަތުގައި، ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް ހުރަސްކޮށްލި ބޯޅަ އެލިސަން ވަނީ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މިއީ ލިވަޕޫލްގެ ތާރީހުގައި ވެސް، ވާދަވެރި މެޗެއްގައި އެ ޓީމުގެ ގޯލްކީޕަރު ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ
މި މޮޅާއެކު، ލިވަޕޫލް ތާވަލްގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އަދި ތިން ވަނައިގައި އޮތް ލެސްޓާ އާއި ލިވަޕޫލާދެމެދު މިހާރު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ.
ލީގުގައި ބުދަ ދުވަހުގެ ރޭ ޗެލްސީ އާއި ލެސްޓާ ކުރިމަތިލާއިރު، މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް، ލިވަޕޫލަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު މިހާރު އެބައޮތެވެ.
ލީގުގައި ބުދަ ދުވަހުގެ ރޭ ޗެލްސީ އާއި ލެސްޓާ ކުރިމަތިލާއިރު، މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް، ލިވަޕޫލަށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު މިހާރު އެބައޮތެވެ.