މިއީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި ބާއްވާ އެންމެ ބާރު ބޮޑު އިންތިހާބެވެ. މާލެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވެސް މަދެއް ނޫނެވެ. ރޭ ވެސް އެ އަދަދު އޮތީ މުޅި ރާއްޖެއިން 130 އިން މަތީގަ އެވެ. އެހެންވެ، ކޮންމެ އިންތިހާބެއްގައި މީހުން ތޮއްޖެހި ބާރު ބޮޑުވާނެތީ، ކޮވިޑް ކޭސްތައް އާދަޔާ ހިލާފަށް އިތުރުވެދާނެ ކަމުގެ ބިރު މި އިންތިހާބާ އެކު ވެސް އެބައޮތެވެ.
ނަމަވެސް ހެނދުނު ހަތެއް ޖެހުމާއެކު މާލޭގައި ކިޔޫތަކަށް އަރަން ފެށިއިރު ވޯޓު ލާ ސަރަހައްދުތަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މާލޭގައި ކޮވިޑްގެ ބަލިމަޑުކަމެއް އޮތް ކަމެއް ގިނަ މީހުންގެ ހަނދާނުން ވަނީ ކައްސާލައިފަ އެވެ.!
ގިނަ މީހުންނަށް މިއަދަކީ މާލޭގައި ދިރިއުޅޭ ރަށު އެންމެންނާ ބައްދަލުވާ ދުވަހެވެ. އެއް ދާއިރާއަކަށް ވޯޓު ލާ ރައްޓެހިންނާ ދިމާވާ ދުވަހެވެ. މާ ބޮޑު ހާސްކަމެއް، އެޗްޕީއޭގެ ގައިޑްލައިންތަކަށް ފަރުވާލެއް ނެތެވެ. ވޯޓު ލާން ގޮސް ގައިދުރުކަން ނުބަހައްޓައި މާސްކު ތިރިކޮށްލައިގެން ތިބެނީ ވާހަކައިގަ އެވެ!
ވޯޓު މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ތިބީ ކޮވިޑަށް ވަރަށް ތައްޔާރުވެގެންނެވެ. މާސްކާއި ފޭސް ޝިލްޑު އަދި އަންގި ލައްވާ ވަރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބަރާބަރަށް އަމަލު ކުރެ އެވެ. ވޯޓު ލާން މަރުކަޒަށް ވަންނަ ކޮންމެ މީހެއްގެ ހުން ބަލައި، ސެނެޓައިޒް ކުރެ އެވެ.
ނަމަވެސް ބޭރުގައި ވޯޓުލާން އަންނަ މީހުން އުޅޭ ގޮތް ބަލާނެ އަދި ހަމަޔަކަށް އަޅުވާނެ މީހަކު ނެތެވެ. އެންމެ މީހުން ގިނަ ކާނިވާ ސަރަހައްދާއި މާފަންނު ސްޓޭޑިމް ކައިރީ ޓެންޓުތަކުގެ ބޭރުގައި ދިގު ކިއޫތައް ހަދަމުން އަންނައިރު އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނުބަހައްޓަ އެވެ. އެންމެން ކައިރި ކައިރީ އެތުރިގެން ތިބިއިރު، ދެން ހުރި މީހުން އަވީގައި ނުތިބެން ހިޔާ ވެފައި އޮންނަ ތަންތަނަށް އެއްވެ މަޑުކޮށްލައިގެން ހުއްޓެވެ.
ވޯޓު ލާ މަރުކަޒަށް މީހުން ވަންނަނީ ބޮޑެތި ގްރޫޕް ހަދައިފަ އެވެ. ނަމަވެސް އޮފިޝަލުން އެ ގްރޫޕުތައް ރޫޅާލައި ވަކިވަކިން މީހުން ފޮނުވި ނަމަވެސް އެތެރޭގައި އިށީންދެ ތިބެނީ ކައިރި ކައިރީގަ އެވެ. ގޮނޑިތައް އަތުރާފައި ވަނީ ތިން ފޫޓު ދުރުގައެއް ނޫނެވެ. އަދި ވޯޓު ލާން ޖެހެނީ އެންމެން ބޭނުން ކުރާ ގަލަމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުގައި އަމިއްލަ އަށް ގަލަން ގެންދާ މީހުން ވަރަށް މަދެވެ.
މީގެ ކުރިން "ވޯޓު ފާހަގަ ވެއްޓިދާނެތީ" ނުވަތަ ފޮހެވިދާނެ ފަދަ ދެއްޔެއް ބޭނުންކޮށްފާނެތީ އަމިއްލަ ގަލަަން ގެންދަން ސިޔާސީ ޕާޓީތަކުން ވަރަށް ބޮޑަށް ބާރު އެޅި އެވެ. ނަމަވެސް މިފަހަރު ކޮވިޑް-19 އާ ގުޅިގެން އޭގެން އެންމެން ބޭނުން ޖެހިފައި އޮތް ނަމަވެސް އެފަދަ އެއްވެސް ކަމަކަށް އަހުލުވެރި ކުރުވައި، ބާރު އަޅާފައި ނުވެ އެވެ.
ވޯޓު ލާ ނިމިގެން މީހުންތައް ޓެންޓުތަކުން ނިކުމެ ބޭރުގައި "ރަށު ބައްދަލުވުމުގައި" އެއްވެގެން ތިއްބެވެ. ބައެއް މީހުން ތިބީ މަސްކު ތިރިކޮށްލައިގެން ކޮފީތަކާއި ދަޅު ބަހައި ރަނގަޅަށް ވާހަކައިގައި ޖެހިފައި ހުއްޓެވެ. އެއްވެ އުޅުން ރައްކާތެރި ނޫން ކަމަށް އެއްވެސް ވަރަކަށް ނުބަލަ އެވެ.
ކިޔޫތައް ދަނީ ކުޑަވަމުން!
އެހެން އިންތިހާބުތަކުގައި އާންމުކޮށް ހެނދުނު 7:00 ގެ ކުރިން ވޯޓުފޮށިތައް ކައިރީ ގިނަ ބަޔަކު ކިޔޫ ހަދާލައި ވޯޓު ފޮށިތައް ފުރާލަ އެެވެ. އަދި މެންދުރު ގަދަ އަވީގައި ވިޔަސް ގިނަ ބަޔަކު ގިނަ އިރުތަކެއް ވޯޓު ފޮށި ކައިރީ ތިބެ، ވޯޓުލަ އެވެ. މިފަހަރު އޭގެ އިދިކޮޅެވެ.
ވޯޓު ލާން ފެށިތާ ތިން ގަޑިއިރު ފަހުން ވެސް މަރުކަޒުތަކުގައި މީހުން ވަރަށް މަދެވެ. ސްކޫލުތަކުގެ ކްލާސް ރޫމްތަކުގައި އޮފިޝަލުން ތިބީ އަތް އުރާލައިގެން މަސައްކަތެއް ނެތިފަ އެވެ.
ކޮންމެވެސް ވަރަކަށް ކިޔޫ ދިގީ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާފައިވާ ކާނިވާ އަދި މަފަންނު ސްޓޭޑިއަމްގެ ޓެންޓުތައް ކައިރީގަ އެވެ. ނަމަވެސް ކިއޫތަކަށް މީހުން ގިނައެއް ނުވެ އެވެ. އަދި އެހެން މަރުކަޒުތަކަށް ވެސް ހެނދުނާ އަޅާބަލައިއިރު ވޯޓުލާން ގޮސް ތިބި މީހުންގެ އަދަދު މަދެވެ.
އީސީން ވެސް ވަނީ މި އަހަރުގެ އިންތިހާބުގައި ވޯޓާސް ޓާންއައުޓް މަދުވާނެ ކަމަށް ލަފާކޮށްފަ އެވެ.