ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާ އެކު މުޅި ސަރަހައްދަށް ފެތުރިގެންދިޔަ ކިސަޑުގެ ތެރޭ އޮތް 64 އަހަރުގެ އަންހެނަކު 10 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
ނޭޕާލްގެ އާމްޑް ޕޮލިސް ފޯސްއިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ މީހާ ދިރިއުޅޭ ގޭގެ ތިރީ ބައިތަކަށް ކިސަޑު ވަދެ އެއްކޮށް އޮތީ ބެދިފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މީހާ ސަލާމަތްކުރެވުމާ އެކު ސިފައިންނާއި ފުލުހުން އުފާ ފާޅުކުރެ އެވެ.
ފުލުހުންގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އިގްބާލް ހަވާރީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އެ މީހާ ފެނިފައިވަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ޓީމަކަށެވެ. އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި ކަތަމަންޑޫއަށް ގެންގޮސްފައި ކަމަށް ހަވާރީ ވިދާޅުވި އެވެ.
މީގެ އިތުރުން، އިމާޖެންސީ އޮފިޝަލުން ބުނެފައިވާ ގޮތުގައި ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓްގައި އޮންނަ "އުއްޕަރް ތްރިޝޫލީ-1 ހައިޑްރޯޕަވަ ޕްރޮޖެކްޓް" ގެ ޓަނަލެއްގެ ތެރެއިން ޗައިނާ މީހަކު ވަނީ ދިރިހުއްޓާ ސަލާމަތްކޮށްފަ އެވެ.
ޓިބެޓާއި ނޭޕާލުގެ ބޯޑަރު ސަރަހައްދުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެން ބޮޑުވެ ކިސަޑުން މުޅި ސަރަހައްދު ފޮރުވުނީ އުސް ފަރުބަދަތަކުގެ މަތިން ގަނޑުފެނާއި ހިލަތައް ފައިބައި، ބޮޑު ސުނާމީއެއް ފަދައިން ފެތުރިގެން ދިޔަ ފެންގަނޑާއި ކިސަޑުގެ ސަބަބުންނެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިދާރާތަކުން ހުއްޓުމެއް ނެތި ކުރަމުން އަންނައިރު، މިހާތަނަށް ނޭޕާލުން އެކަނިވެސް 1,344 މީހުންގެ ހަށިގަނޑު ފެނިފައިވާކަމަށް އެ ގައުމުގެ ޑިޒާސްޓާ އެޖެންސީން ބުނެފައިވެ އެވެ. އަދިވެސް 5,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ބޯޑަރު ސަރަހައްދުން 31 މީހުން މަރުވެ، 531 މީހުން ވަނީ ގެއްލިފަ އެވެ. މިއާ އެކު މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,375 އަށް އަރައިފަ އެވެ. އަދި ގެއްލުނު މީހުންގެ އަދަދު އުޅެނީ 5,500 އަށްވުރެ މަތީގަ އެވެ. -- އޭއެފްޕީ