މިހާރު ރާއްްޖޭގެ ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ އަމާޒުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ދެ ބައިވެ، އުފެދިގެން އުޅޭ މައްސަލައަށެވެ.

ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުގައި މިއަދު ފެށިއިރު އެ ޝަރީއަތުން ވެސް ވަރަށް ތަފާތު މަންޒަރެއް ފެނެ އެވެ. ދެ ފަރާތުން ކޯޓުގައި ވަކާލާތުކުރަައްވަނީ ދެބެން ކަމަށްވާ އަހުމަދު މުއިއްޒާއި އޭނާގެ ކޮއްކޮ އަބްދުﷲ މުއިއްޒެވެ.

ސިޔާސީ މައްސަލައަކާ ގުޅޭ ޝަރީއަތެއްގައި ކޮއްކޮ އާއި ބޭބެއެއްގެ ހޫނު ބަހުސްތައް ފެންނާނީ މަދުންނެވެ. މިއީ އެކަހަލަ ފުރުސަތެކެވެ.

ހައި ކޯޓުގެ ޝަރީއަތުގައި މައުމޫންގެ ފަރާތްޕުޅުން ވަކާލާތުކުރައްވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.

ދަށު ކޯޓުގެ ހުކުމުގެ ދިފާއުގައި ރައީސް ޔާމީންގެ ފެކްޝަނުގެ ފަރާތުން ވަކާލާތުކުރައްވާ އަބްދުﷲ މުއިއްޒު ވަނީ އެމްޑީޕީ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވައިފަ އެވެ. ހައި ކޯޓްގައި އޭނާ ތަމްސީލްކުރައްވަނީ މައުމޫނާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް އެވެ.

ދަށު ކޯޓުގެ ހުކުމާ ދެކޮޅަށް ބޭބެ މުއިއްޒު ހެކިތައް ދަައްކަވާ އިރު ކޮއްކޮ ވަކާލާތުކުރައްވަނީ އެ ހުކުމް ރަނގަޅު ކަމަށެވެ. އެކަމަކު މިއަދު ހެނދުނުގެ އަޑުއެހުމުގައި ދެ ބޭފުޅުން އަދި މާ ބޮޑެތި ބަހުސްތަކަކަށް ވަޑައެއް ނުގަންނަވަ އެވެ. އެއީ އެއް ފަރާތުގެ ވާހަކަތަކަށް އަނެއް ފަރާތުން ރައްދު ދިނުމުގެ މަރުހަލާ އަދި ނުފެށޭތީ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނުއިރު އެޓާނީ ޖެނެރަލަކަށް ހުންނެވި އަބްދުﷲ މުއިއްޒާއި ޕީޖީގެ މަގާމުގައި ހުންނެވުމަށް ފަހު 2013 ގައި އިސްތިއުފާ ދެއްވި އަހުމަދު މުއިއްޒު މީގެ ކުރިން ވެސް މަދަނީ ބައެއް މައްސަލަތަކުގައި ދެ ބޭފުޅުން ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ ކަމަށްވެ އެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ފަދަ މައްސަލައެއް މި ދެބެންގެ މެދުގައި ނެތެވެ.