އެމެރިކާގެ ފޮކްސް 9 ޓީވީގައި ހޯސްޓަކު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކިޔައިދެނިކޮށް ސްކްރީނުން އޭނާގެ ފޮޓޯ ރިޕީޓްކޮށް ފެންނަ ގޮތެއް ވުމުން އެކަން މަޖާވެއްޖެ އެވެ.
މޫސުމާ ބެހޭ މައުލޫމާތު ހިމެނޭ ގްރެފިކްސްއާ އެކު ގެނެސްދޭ ސްކްރީންގެ ކުރިމަތީގައި މަޑު ރީނދޫ ކުލައިގެ ހެދުމެއްގައި ހުއްޓިގެން ހުރެ މޫސުމާ ބެހޭ މައުލޫމާތު ކިޔައި ދެނިކޮށް ކުއްލިއަކަށް ފެނުނީ ހޯސްޓް ޖެނިފާ މެކްޑާމްޑްގެ ފޮޓޯ ބަރިބަރިއައަކަށް ހުއްޓަ އެވެ. އަދި އެކަން އޭނާ އަށް ފާހަގަކުރެވުމާ އެކު ހިނި އައިސް ސްކްރީން ކުރިމަތީގައި ހީހީފައި މަޖާކުރާތަން ވެސް ފެނެ އެވެ. އަދި ސެޓްގެ ފަރުދާގެ ފުރަގަހުގައި ތިބި ބަޔަކު ޖެނިފާއާ ވާހަކަ ދައްކާ ތަނާއި އެކަން އެންމެންނަށް މަޖާވެގެން ވާހަކަ ދައްކާ އަޑު ވެސް އިވެ އެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާ އިރު، ގިނަ ބަޔަކު ވަނީ ދިމާވި ޓެކްނިކަލް މައްސަލައިގައި ހޯސްޓް ސީރިއަސް ނުވެ އެކަން މަޖާ ގޮތަކަށް ނެގުމުން އެކަމަށް ތައުރީފު ކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި އެކަހަލަ ހާލަތެއްގައި ގިނަ ފަހަރަށް ހޯސްޓުންނަށް ވާ ގޮތަކީ ހާސްވެގެން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅުމެވެ.
ނަމަވެސް ޖެނިފާގެ ފަރާތުން ފެނުނީ ވަރަށް ހިތްގައިމު މަޖާ ހަރަކާތްތަކެއް ކަމަށް ބުނެ، އޭނާގެ ޖޯޝަށް ހިތްވަރު ދީފައިވެ އެވެ.
ފަހުން ޖެނިފާ ވަނީ ޓީވީގައި ދިމާވި މަޖާ ހާދިސާގެ ވާހަކަ ޓްވިޓާގައި ވެސް ފޮޓޯއަކާ އެކު ޕޯސްޓްކޮށްފަ އެވެ.