ފުވައްމުލަކުގައި ބޯފެނާއި އެހެނިހެން ބުއިންތައް އުފައްދައި ބަންދުކުރާނެ ކާރުހާނާއެއް ހިންގާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި، މިއީ އެ ކައުންސިލްގެ ދަށުން ހިންގާ ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް ހިންގާ މަޝްރޫއެކެވެ. 

އެ އިއުލާނުގައި ބުނީ އެ ރަށުގައި "ޑިޒައިން، ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް"ގެ އުސޫލުން ބޯފެނާއި ބަނގުރާ ނުހިމެނޭ އެހެނިހެން ބުއިންތައް އުފައްދައި ބަންދުކުރާ ކާރުހާނާއެއް ހިންގުމަށް އިންވެސްޓަރުންނާއި އުފެއްދުންތެރިންނާއި ކުންފުނިތަކާއި ކޮންސޯޓިއަމްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

އެކަށީގެންވާ ފަންނީ ތަޖުރިބާ އާއި ހިންގުމުގެ ގާބިލުކަމާއި މާލީ ތަނަވަސްކަން ހުރި އަދި ޝަރުތު ހަމަވާ ފަރާތްތަކަށް އެ އިއުލާނާ އެކު އެއްކަރުދާސް ކޮށްފައިވާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ލިޔުމާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. 

އީއޯއައިގައި ބުނެފައިވާ ގޮތުގައި، ވަކިވަކިން ނުވަތަ ކޮންސޯޓިއަމެއްގެ ގޮތުގައި ވެސް މި މަސައްކަތް ކުރަން ޕްރޮޕޯސަލްއެއް ހުށަހެޅިދާނެ އެވެ. ކޮންސޯޓިއަމެއްގެ ގޮތުގައި ހުށަހަޅާ ނަމަ ލީޑް މެމްބަރެއް ކަނޑައަޅަންވާނެ އެވެ. ކޮންމެ މެންބަރަކު ވެސް ގާނޫނީ ގޮތުންނާއި ޝަރުތު ހަމަވުމާ ގުޅޭ މައުލޫމާތު ހުށަހަޅަން ޖެހެ އެވެ.

މި މަޝްރޫއަށް ހާއްސަ ކޮށްގެން އަލަށް އުފައްދާ ކުންފުންޏަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުނަސް އެއީ އެ ފަރާތުގެ މައި ކުންފުނި (ޕޭރެންޓް ކުންފުނި) ސްޕޮންސަރު ނުވަތަ ކޮންސޯޓިއަމްގެ މެމްބަރުގެ ގާނޫނީ އަދި މާލީ ގާބިލުކަން ސާބިތުކޮށްދީ، ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އިގުރާރުވާ ނަމަ ކަމަށް އީއޯއައިގައިވެ އެވެ.

ފުރިހަމަކޮށްފައިވާ އީއޯއައި އަންނަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރަން ވާނެ ކަމަށް ވެސް އެެ އިއުލާނުގައި ބުންޏެވެ.