އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސިޔާސީ ވާދަވެރިޔާ ގާދީ އައިޒެންކޮޓް ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ނަތަންޔާހޫ އަނެއްކާވެސް ގޮވާލުމުން، އެއީ "މަކަރުވެރި ރޭވުމެއް" ކަމަށް ބުނެ އައިޒެންކޮޓް އެކަމަށް އިންކާރުކޮށްފި އެވެ.
ނަތަންޔާހޫ މިކަމަށް ގޮވާލީ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރުމަށް މިދިޔަ އާދީއްތަ ދުވަހު ނިންމި އައިޒެންކޮޓް އާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ.
ނަތަންޔާހޫ އިއްޔެ އާންމުކުވި ވީޑިއޯ ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު އައިޒެންކޮޓާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުން ކޮންމެހެން ބޭނުންތެރި ކަމަށް ގަބޫލުކުރެވޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ސަރުކާރަކަށް "އީރާނުގެ ނުރައްކާ އެއްކޮށް ނައްތާލެވޭނެ" ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ސަރުކާރު އެކުލެވިގެންވާނީ އިޒްރޭލަކީ "ޔަހޫދީންގެ ދައުލަތެއްގެ" ގޮތުގައި ގަބޫލުކުރާ ޕާޓީތަކުގެ މައްޗަށް ކަމަށާއި، އިޒްރޭލާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ އީރާން ފަދަ ސަލާމަތީ ގޮންޖެހުންތަކާ އެ ސަރުކާރުން ކުރިމަތިލާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.
މީގެ އިތުރުން، "ގައުމީ ކުއްލި ހާލަތުގެ ސަރުކާރެއް" ގެ ނަމުގައި އައިޒެންކޮޓް އުފައްދަން އުޅޭ މައިނޯރިޓީ ސަރުކާރާ މެދު ނަތަންޔާހޫ ވަނީ އިންޒާރު ދީފަ އެވެ. އެ ރޭވުމުގެ ދަށުން، 120 ގޮނޑި ހިމެނޭ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި އައިޒެންކޮޓްގެ އިއްތިހާދުގެ 48 މެންބަރުން ސަރުކާރަށް ވޯޓު ދޭއިރު، ނަތަންޔާހޫއަށް ތާއީދުކުރާ 46 މެންބަރުން ދެކޮޅަށް ވޯޓު ދޭނެ އެވެ. އަދި އަރަބި ޕާޓީތަކާއި އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކުގެ 26 މެންބަރުން ވޯޓުގައި ބައިވެރިނުވެ ތިބުމުން، މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއް ނެތި ސަރުކާރު ފާސްވެގެންދާނެ އެވެ.
"ބަލިކަށި އަދި ނުރައްކާތެރި ސަރުކާރެއް އުފައްދަން މަސައްކަތް ކުރުމުގެ ބަދަލުގައި، އެއްވެސް ޝަރުތަކާ ނުލައި އެއް ކޮޓަރިއެއްގައި ބައްދަލުކޮށް، ހުރިހާ ހިޔާލުތަފާތުވުންތަކާއި ބޮއިކޮޓްކުރުންތައް އެއްފަރާތްކޮށް، ދައުލަތުގެ ސަލާމަތާއި މުސްތަގުބަލަށްޓަކައި އެއްބަސްވުންތަކަކަށް އަންނަމާ ހިނގާ،" ނަތަންޔާހޫ ބުންޏެވެ.
ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އައިޒެންކޮޓް ރައްދު ދެމުން ބުނީ، އިންތިހާބުން ބަލިވެއްޖެކަން ނަތަންޔާހޫއަށް އެނގޭ ކަމަށާއި، އެއްބައިވަންތަކަމުގެ ސަރުކާރަކަށް ގޮވާލަނީ "މަކަރުވެރި ރޭވުމެއްގެ" ދަށުން ކަމަށެވެ.
"މަޝްވަރާތައް މިހާރުވެސް ކުރިއަށް ދަނިކޮށް ނަތަންޔާހޫ އެ ގޮވާލަނީ މަޝްވަރާކުރުމަށް. އެއްބައިވަންތަކަން ބޭނުންވާ ކަމަށް ބުނާއިރު، މާދަމާއެއް ނެތް ފަދައިން އޭނާ ގެންދަނީ ބައިބައިވުން އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ދެމުން،" އިޒްރޭކުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އައިޒެންކޮޓް ބުންޏެވެ. "މިފަދަ މަކަރުވެރި ރޭވުމެއްގައި އަޅުގަނޑު ނުޖެހޭނަން."
"ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން ކަނޑާލަން ޖެހޭ"
އާ ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓަށް 28 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އިތުރު 14 ދުވަސް އިތުރުކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ނަމަވެސް އިންތިހާބުގައި ރެކޯޑް އަދަދަކަށް ގޮނޑި ހޯދި އިޒްރޭލުގެ އަރަބި ޕާޓީތަކުގެ އަގުވައްޓާލުމަށް ނަތަންޔާހޫ ކެމްޕޭނެއް ފައްޓަވާފައިވާތީ، ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތައް ވަރަށް އުނދަގޫވާނެ ކަމަށް ބެލެވެ އެވެ.
ނަތަންޔާހޫ ހުށަހަޅާ އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނޭނީ އަރަބި ޕާޓީތައް ބާކީކޮށް، މެދުމިނުގެ ޕާޓީތަކުން ފެށިގެން ކަނާތުފިޔައިގެ ޔަހޫދީ ޕާޓީތަކެވެ.
އައިޒެންކޮޓް ބުނީ، އިހުލާސްތެރިކަމާ އެކު އެއްބައިވަންތަކަމަށް މަސައްކަތް ކުރާ ނަމަ، ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ މެންބަރުންނާއި، ވަގުތީ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްގެ ރިލިޖަސް ޒަޔަނިޒަމް ޕާޓީއާ އެކު ސަރުކާރެއް އުފައްދަން ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް، އަރަބި ޕާޓީތަކާ ދެކޮޅަށް ނަތަންޔާހޫ ހިންގާ "ނަސްލީ ތަފާތުކުރުމުގެ" ކެމްޕޭނަށް އައިޒެންކޮޓް ހުކުރު ދުވަހު ފާޑުކިޔާފައި ވާތީ، ނަތަންޔާހޫއާ އެކު ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
އައިޒެންކޮޓް އިއްޔެ ވަނީ، އޭނާގެ ލީޑަޝިޕްގެ ދަށުން އުފައްދާ ސަރުކާރެއްގައި ބައިވެރިވުމުގެ ޝަރުތެއްގެ ގޮތުން، ކަނާތުފިޔައިގެ ހަރުކަށި މިނިސްޓަރު އިޓަމާ ބެން ގްވީރަށް ތާއީދުކުރާ ފަރާތްތައް ފަދަ "ހަރުކަށި މީހުންނާ ގުޅުން ކަނޑާލުމަށް" އަނެއްކާވެސް ގޮވާލައިފަ އެވެ.
މީގެ އިތުރުން، އަންނަ އަންގާރަ ދުވަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބަކީ ވެސް ދެ ފަރާތުގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ ކަމެކެވެ. މިހާރު އެ މަގާމުގައި ހުރީ ނަތަންޔާހޫގެ އަރިސް މީހެއް ކަމަށްވާ އާމިރު އޮހާނާ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އިދިކޮޅު ފަރާތްތަކުން ނަން ހުށަހަޅާފައި ވަނީ އައިޒެންކޮޓްގެ ލިސްޓުގެ ފަސް ވަނައިގައި ހިމެނޭ، އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ މަޓަން ކަހާނާ އެވެ.
"އެ މީހުން (ލިކޫޑް ޕާޓީ އާއި ބައިވެރިން) ދައުވާކުރާ ފަދައިން އިހުލާސްތެރި ސިޔާސީ ބައިވެރިވުމަކަށް ހަގީގަތުގައި ވެސް އެދޭ ނަމަ، ޑިމޮކްރެޓިކް އުސޫލުތައް އާންމު ހާލަތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީ، މަޓަން ކަހާނާ އެ މަގާމަށް އައްޔަންކުރުމަށް ތާއީދުކުރުމަށް އެ ޕާޓީތަކުގެ މަޖިލިސް މެންބަރުންނަށް އަންގަން ޖެހޭ،" އައިޒެންކޮޓް ބުންޏެވެ. -- އޭއެފްޕީ