މާލޭގައި ހިންގާ ބޮޑެތި ހުރިހާ ގަރާޖުތަކެއް ހުޅުމާލެ އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ މާލޭގައި ހިންގާ ހުރިހާ ބޮޑެތި ގަރާޖުތަކާއި ވޯކްޝޮޕްތައް ހުޅުމާލޭގެ ސިނާއީ ސަރަހައްދަށް ބަދަލުކުރުން ކަމަށެވެ. އެކަމަކު، ވެހިކަލްތަކުގެ ހަން ބެއްދުމާއި ބައެއް އެހެން މަސައްކަތްތައް ކުރަން މާލޭގައި ކުދިކުދި ގަރާޖުތަކަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަން ބެއްދުމާއި ސައިކަލުގެ ފުރޮޅު ބަދަލުކުރުމާއި ކާރުތައް ދޮވުމާއި ކާރުތަކުގައި ކުލަ ލުން ކަހަލަ ކުދިކުދި ކަންކަމަށް މާލޭގައި ގަރާޖު ހިންގަން ހުއްދަ ދޭނެ،" އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ވެހިކަލް ރިޕެއަރިންގެ ކުދިކުދި މަސައްކަތް ކުރަން މާލޭގައި ގަރާޖުތައް ހިންގަން ހުއްދޭނެ ގޮތުގެ އުސޫލެއް ކަނޑައަޅާނެ އެވެ.
"އެ މިންގަނޑު ހެދުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް ހުޅުމާލެ އިން 23 ބިމެއް ކުއްޔަށް ދޫކުރަން އެޗްޑީސީން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.
ގަރާޖު ހިންގަން ބިން ދެނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުންނެވެ. އެއީ ހުޅުމާލޭގެ އިންޖީނުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުންނެވެ.
އެޗްޑީސީގެ ގައިޑްލައިންގައިވާ ގޮތުން، ކުއްޔަށް ދޭ ކޮންމެ ބިމެއްގައި އެވްރެޖުކޮށް 1،000 އަކަފޫޓް ހުންނާނެ އެވެ. ކުއްޔަށް ދޫކުރާ ބައެއް ބިންތަކުގެ ތެރޭގައި 2،000-5،000 އަކަފޫޓުގެ ބިންތައް ވެސް އެބަހުއްޓެވެ. އަދި އެ އިމާރާތްތައް އެންމެ އުސްކޮށް ނެގޭނީ ދެ ބުރިއަށެވެ.
އެ ބިންތައް ކުއްޔަށް ދޫކުރާ އަގެއް އެޗްޑީސީން އަދި ނުބުނެ އެވެ.
މާލޭގައި ހުރި ގަރާޖުތައް ހުޅުމާލެއަށް ބަދަލުކުރުމަށް ބިން ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ މި ފަހުން މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުންނެވެ.