މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ރައްކާތެރި ތަނަކަށް ބަދަލުކުރުމަށް ހުޅުމާލެ އިން 23 ބިމެއް ކުއްޔަށް ދޫކުރަން މިއަދު ހުޅުވާލައިފި އެވެ.
އެޗްޑީސީގެ އިއުލާނެއްގައި ބުނީ، ގަރާޖު ޔުނިޓު ހިންގުމަށް، މާލޭގައި މި ވަގުތު ގަރާޖުތައް ހިންގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން 23 ބިމެއް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ ބިންތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދޭއްގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
އެ އިއުލާނާ އެކު، އެޗްޑީސީން ވަނީ އެ ބިންތަކުގައި ގަރާޖާއި ވޯކްޝޮޕްތައް ހިންގޭނެ ގޮތުގެ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ. އެ ގައިޑްލައިންގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި؛
• ގަރާޖު ހެދުމުގެ ކުރިން އެޗްޑީސީ އަށް ޑިޒައިން ހުށަހަޅައި އިމާރާތް ކުރުމުގެ ހުއްދަ ހޯދަން ޖެހޭނެ.
• ގަރާޖު ނުވަތަ ވޯކްޝޮޕް ހިންގުން ނޫން ކަމަކަށް އެ ބިން ބޭނުމެއް ނުކުރެވޭނެ.
• ގަރާޖުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެހިކަލްތަކާއި މަރާމާތަށް ގެންދާ ވެހިކަލްތައް ވެސް ޕާކުކުރަން ޖެހޭނީ ކުއްޔަށް ދީފައިވާ ބިމުގައި.
• ޑިފެންސް މިނިސްޓްރީން ގަބޫލުކުރާ ފަޔާ ސޭފްޓީ ނިޒާމެއް ހުންނަން ޖެހޭނެ.
ގަރާޖު ހިންގަން ބިން ދެނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދުންނެވެ. އެއީ ހުޅުމާލޭގެ އިންޖީނުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުންނެވެ.
އެޗްޑީސީގެ ގައިޑްލައިންގައިވާ ގޮތުން، ކުއްޔަށް ދޭ ކޮންމެ ބިމެއްގައި އެވްރެޖުކޮށް 1،000 އަކަފޫޓް ހުންނާނެ އެވެ. ކުއްޔަށް ދޫކުރާ ބައެއް ބިންތަކުގެ ތެރޭގައި 2،000-5،000 އަކަފޫޓުގެ ބިންތައް ވެސް އެބަހުއްޓެވެ.
އެ އިމާރާތްތައް އެންމެ އުސްކޮށް ނެގޭނީ ދެ ބުރިއަށެވެ.
އެ ބިންތައް ކުއްޔަށް ދޫކުރާ އަގެއް އެޗްޑީސީގެ އިއުލާނުގައި ނެތެވެ.
މާލޭގައި ހުރި ގަރާޖުތައް ހުޅުމާލެއަށް ބަދަލުކުރުމަށް ބިން ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ މި ފަހުން މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުންނެވެ.