ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުން ފައްކާކުރަނީ "ބަޣާވާތެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން، ނަޝީދު ވިދާޅުވީ އައްޑޫގައި ތިބި އިނގިރޭސިން ފައިބައިގެން ދިއުމާ ގުޅޭގޮތުން އެ ގައުމާ ދިވެހި ސަރުކާރުން މަޝްވަރާކުރި ކަމަށެވެ.
އޭގެ ތެރެއިން އެއްބަސްވި އެއް ކަމަކީ، ތާރީހު ވެސް ދިރާސާކުރެއްވުމުގެ ބޮޑު ޝައުގެއް ހުންނަވާ ނަޝީދު ވިދާޅުވި ގޮތުގައި ރަށްތައް ހިންގަން ލާމަރުކަޒީ ނިޒާމު ތައާރަފު ކުރުމެވެ. އެކަން ޔަގީންވާ އެއް ކަމަކީ، އައްޑޫން އިނގިރޭސިން ފައިބައިގެން ދިއުމާއި ހުވަދޫ މައްސަލަ ނިމުމުން އަތޮޅުވެރިން އިންތިހާބުކުރުމެވެ.
ލާމަރުކަޒީ ނިޒާމު ހިންގަން ދިވެހި ދައުލަތުން ވި އެއްބަސްވުމަކީ އެއީ ކަމަށާއި ސަރުކާރުން އޭރު ވެސް ގަބޫލުކުރީ އަތޮޅުތެރޭގެ ކަންކަން ނިންމަން ޖެހޭނީ އެ އަތޮޅަކުން އިންތިހާބުކުރާ ބައެއް ކަމަށް ވިއަސް ޑިމޮކްރެޓިކް އެ ނިޒާމު ތައާރަފްކުރަން ސަރުކާރުން ވި އެއްބަސްވުމާ، ދިވެހި ދައުލަތުން ހިލާފުވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ހިލާފު ރައީސް މައުމޫންގެ ދިގު 30 އަހަރު ވެސް ދެމިގެންދިޔައީ. އަނެއްކާ ވެސް އަޅުގަނޑުމެންނަށް ފެނުނީ ޑިމޮކްރެސީގެ މަގަށް ރައްޔިތުންގެ ރުހުމާއި ރުހުމާއި ރައްޔިތުންގެ އެދުމާއި ރައްޔިތުންގެ ވިސްނުމާ ބޭނުންތަކަށް ހިންގާ ސަރުކާރެއް ހިންގުމަށް ދިވެހރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ވަރުގަދައަށް ތެދުވީ ތިނަދޫ މީހުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމެއް ނެތުމުން އޭރު ކުރި އިހުތިޖާޖު އެންމެ ފަހުން ވެގެން ދިޔައީ ދެކުނުގެ ތިން އަތޮޅު ދައުލަތާ ވަކިވެގެން ދިއުން ކަމަކަށް ކަމަށާއި އެ ނިޒާމު ތައާރަފްކުރަން ތިނަދޫ ރައްޔިތުންނާ އެކު ކުރި މަސައްކަތުން ޑިމޮކްރެޓިކް ނިޒާމެއް ތައާރަފްވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ތިނަދޫ މިހާރު ދެކޭ ތަރައްގީގެ ހުރިހާ އަސްލަކީ އެ ނިޒާމު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވަނީ ކެބިނެޓުން ބޭނުންވެއްޖެ ނަމަ ރަށްރަށުގެ ބިންތައް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ގާނޫނަށް ގެނައި ބަދަލުތަކަކީ، ބަޣާވާތެއް ފައްކާކުރުމެވެ.
"ތިޔަ ބިންތައް ތިނަދޫ ރައްޔިތުންގެ އަތުން، ހުވަދޫ ރައްޔިތުންގެ އަތުން ތި ބޭފުޅާ އަތުލައްވާއިރު މި ރަށްރަށުގެ ތާރީހަށް ވިސްނާލައްވާ. މި ރަށްރަށް ތެދުވަނީ ކިހިނެއް ވީމަތޯ، އިހުތިޖާޖަށް ނުކުމެ ވެރިކަންތައް ބަދަލުކުރަނީ އެ ބޭފުޅުންނަށް، އެ ރައްޔިތުންނަށް ކޮން ހާލެއް ޖެހުނީމަތޯ،" ނަޝީދު ވިދާޅުވި އެވެ.
"ހުވަދޫ މައްސަލަ ގުޅިލާމެހިފައި އޮތީ ލާމަރުކަޒީ ނިޒާމެއް ނެތުމާއި މާލެއިން ކަންކަން ހިންގުމަށް، މާލޭގައި ތިބި ވެރިން މާ ބޮޑަށް އިސްވެ ގަތުން."
ނަޝީދު ވިދާޅުވީ ރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއް ކަމަށް ވިޔަސް ގާނޫނީ ގޮތުން އަތޮޅު އުވާލައިފި ކަމަށެވެ.
"މި ތަނުގައި ހުވަދޫ އަތޮޅެއް ނެތް، މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު. އެކަމަކު ގާނޫނަށް ގެނައި ބަދަލަކުން އަތޮޅު އުވާލައިފި،" ނަޝީދު ވިދާޅުވި އެވެ.
ކެބިނެޓުން ބޭނުންވެއްޖެ ނަމަ ރަށްރަށުގެ އިހުތިސާސުން ބިން ވަކިކުރާ ނަމަ އެކަމާ ރުހިގެން ނުތިބޭނެ ކަމަށާއި އެ ބަދަލާ ދެކޮޅަށް ތެދުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ތި ވިދާޅުވަނީ ގާނޫނަށް ގެންނަ ބަދަލަކުން ރަށްރަށުގެ ބިން އެ ރަށުގެ އިހުތިސާސުން ވަކިކުރާނަމޭ. ވަޒީރުން މަޖިލީހަށޭ އެނގިވަޑައިގަންނަވާނީ މި ރަށްރަށުގައި ކުރާންވީ މަސައްކަތް. ނޫން. އެހެންނަކުން ދިވެހި ރައްޔިތުން ވަރިހަމަކޮށް ނުތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމު ފަހަތަށް ދާކަށް ރައްޔިތުން ޖާގައެއް ނުދޭނެ ކަމަށާއި ރައްޔިތުންގެ ރުހުމާއެކު ނޫނީ ބަދަލުތައް ގެންނާކަށް ނުވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މުސްތަގުބަލަށް ތިނަދޫ އަމާޒު ހިފާއިރު މޫސުމާއި ތިމާވެށީގެ ބަދަލުތަކުން ހިމާޔަތް ހޯދޭނެ ގޮތްތައް ބަލަންޖެހެ އެވެ. އަދި ގުދުރަތީ ރޭވުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.