މިލާން (މެއި 29) – އޭސީ މިލާނުގެ ކޯޗުކަމުން ކުރީގެ ކުޅުންތެރިޔާ ޖެނާރޫ ގަޓޫސޯ އަދި ސްޕޯޓިން ޑިރެކްޓަރުކަމުން ކުރީގެ ކުޅުންތެރިޔާ ލެއޮނާޑޯ ވަކިވެއްޖެ އެވެ.
މީގެ ދޮޅު އަހަރުކުރިން މިލާނާ ހަވާލުވި ގަޓޫސޯ ކްލަބް ދޫކޮށްލީ ދެ ފަރާތް އެއްބަސްވެގެންނެވެ. ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން އޭނާ ވަކިކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެކަމަކު އެ ކޮންޓްރެކްޓް އުވާލައިފި ނަމަ ލިބެން އޮތް 10 މިލިއަން ޔޫރޯ ވެސް ދޫކޮށްލައި ގަޓޫސޯ ނިންމީ އެއްބަސް އުވާލާށެވެ. އެއީ ކުޅުންތެރިޔެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ކްލަބާ އެކު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް ސިފަކޮށްފަ އެވެ.
ގަޓޫސޯއާ އެކު މިލާނުގެ ފެންވަރު ޖުމްލަކޮށް މަތިވީ ނަމަވެސް އެއް ފެންވަރެއްގައި ހިފަހައްޓާނުލެވުނެވެ. މި އަހަރުގެ ކުރީކޮޅު ތާވަލުގެ ތިން ވަނަ އަށް އެރި ނަމަވެސް ފަހުން ނަތީޖާތައް ދަށްވެ ސީޒަން ނިންމާލީ ފަސް ވަނައިގަ އެވެ.
މިލާނާ މި ސީޒަނުގައި ހަވާލުވި ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯ އިސްތިއުފާ ދިނީ ކްލަބުގެ އާ ސީއީއޯ އިވާން ގަޒިޑިސްގެ ވިސްނުމާ ހިޔާލުތަފާތުވެގެންނެވެ. ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބި، ކްލަބުގެ ހަރަދުތައް ހަމަމަގަށް އަޅަން ޔުއެފާ އިން އަންގާފައިވާތީ ގަޒިޑިސް ބޭނުންވަނީ ޒުވާން ކުޅުންތެރިން ގެނެސް ޓީމެއް ބިނާކުރާށެވެ. މިލާނުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ލެއޮނާޑޯ ދެން ހަވާލުވާނީ ކުރިން ވެސް އޭނާ މަސައްކަތްކުރި ޕީއެސްޖީއާ ކަމަށް ބެލެވެ އެވެ.
މިލާނުގެ އާ ސްޕޯޓިން ޑިރެކްޓަރުގެ ގޯލް އެ ކްލަބުގެ ޑިރެކްޓަރު އަދި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އަށް ވަނީ ހުށަހަޅައިފަ އެވެ. މަލްޑިނީ ވެސް ކްލަބް ދޫކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
މިލާނުން ގެންނާނެ ކަމަށް ބެލެވޭ ކޯޗުންގެ ތެރޭގައި ހިމެނެނީ މޮނާކޯގެ ކޯޗު ލެއޮނާޑޯ ޖާޑިމް އާއި ރޯމާގެ ކުރީގެ ކޯޗު ޔުސޭބިއޯ ޑި ފްރެންސެސްކޯ އާއި ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު މާކޯ ޖިއަމްޕޯލޯ އެވެ.