އިގްތިސާދީ ގޮތުންނާއި ސަގާފީ ގޮތުން އަދި އިކޮލޮޖިކަލް ގޮތުން ރާއްޖޭގެ ކަނޑުތަކުގެ އެންމެ މުހިންމު ސަރަަހައްދުތައް ދެނެގަތުމަށް މިދިޔަ އަހަރު ފެށި ސާވޭ އަށް ރިސޯޓްތަކުގެ ބައިވެރިވުން ހޯދަން ފަށައިފަ އެވެ.
ސަަރުކާރާއި "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން" ގުޅިގެން ކުރިއަށް ގެންދާ "ނޫ ރާއްްޖެ" ޕްރޮގްރާމްގައި ހިމެނޭ "އޯޝަން ޔޫޒް ސާވޭ"ގައި ބަލަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެކި ފަރާތްތަކުން ބޭނުންކުރާ ގޮތެވެ. އެ ކަމަށްޓަކައި މަސްވެރިންްނާއި ޓޫރިޒަމް ދާއިރާގެ މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރާނެ އެވެ.
"ނޫ ރާއްޖެ" ޕްރޮގްރާމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފެށި އެ ސާވޭގައި މިހާތަނަށް 138 ރަށަކުން 2،100 ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. މިހާރު ދެން ބޭނުންވަނީ ރިސޯޓްތަކުގެ ބައިވެރިވުން ކަމަށް ބަޔާނުގައި ވެ އެވެ.
ރިސޯޓްތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަރަށް ބޮޑަށް ބޭނުންކުރާ ތަންތަނަށް ވުމުން ރިސޯޓްތަކުގެ ބައިވެރިވުން އެ ސާވޭ އަށް ވަރަށް މުހިންމުވާނެ ކަމަށް ބުންޏެވެ. އަދި ރިސޯޓްތަކަކީ ރާއްޖޭގެ އިގުތިސާދުގައި ބޮޑު ރޯލެއް ކުޅޭ ތަންތަނަށް ވުމުން ޓޫރިޒަމް ދާއިރާގެ ބައިވެރިވުން އެ ސާވޭ އަށް ވަރަށް ބޭނުންވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެ ސާވޭ އެއްކޮށް ނިމޭނީ އަންނަ މަހު އެވެ.
ސާވޭގެ މަގްސަދަކީ ކަނޑުތައް ބޭނުންކުރާނެ ގޮތުގެ ސްޕެޓިއަލް ޕްލޭން ތައްޔާރު ކުރުމުގައި މުޖުތަމައުގެ ބައިވެެރިވުން ހޯދުމެވެ. ކަނޑުތައް ބޭނުންކުރާ އެކި ދާއިރާތަކުގެ މީހުން ހިމެނޭ ގޮތުން ސާވޭ ޓީމުން އެތައް ހާސް ބަޔަކާ ސުވާލުކޮށް، މައުލޫމާތު އެއްކުރާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
މައުލޫމާތު އެއްކުރާނެ ދާއިރާތަކަކީ މަސްވެރިކަމާއި ޓޫރިޒަމާއި ރެކްރިއޭޝަނާއި އިމާރާތް ކުރުމުގެ ދާއިރާ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ހިފޭ ސަރަަހައްދުތައް ދެނެގަންނާނީ، ސާވޭގައި ފަރުދުންގެ ފަރާތުން ހޯދައި މައުލޫމާތު އެއްކޮށްގެން އުފައްދާ ހީޓްމެޕަކުންނެވެ. އެ ޗާޓް އެކުލަވައިލާނީ އެމެރިކާގެ ޔުނިިވާސިޓީ އޮފް ކެލިފޯނިއާގެ މެކްކްލިންޓަން ލެބުންނެވެ.
ރާއްޖޭގެ ކަނޑުގެ މާހައުލުގެ ބޭނުން، ދެމެހެއްޓެނިވި ގޮތެއްގައި ހިފުމަށްޓަކައި ސަރުކާރުން ތައްޔާރުކުރާ މެރިން ސްޕެޓިއަލް ޕްްލޭން އެކުލަވައިލުމުގައި އެ ސާވޭ އިން އެއްކުރާ މައުލޫމާތު ބޭނުންކުރާނެ އެވެ. ހިމާޔަތް ކުރާނެ އިތުރު ސަރަހައްދުތައް ދެނެގަތުމަށް ވެސް ސާވޭގެ މައުލޫތު ބޭނުންކުރާނެ އެވެ.
އޯޝަންް ޔޫޒް ސާވޭ އަށް އާއްމުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމަށްޓަކައި، އެ މައުލޫމާތު އޮންލައިންކޮށް އެއްކުރާނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ސާވޭގައި ބައިވެރިވެވޭނީ https://www.nooraajje.org/oceanusesurvey އިންނެވެ. ރިސޯޓްތަކަށް ވެސް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.