ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތަކުގެ ވިޔާފާރި ޕްރޮޖެކްޓުން ހިއްސާ ވިއްކުމަށް ފީފާއިން ގެންގުޅޭ ޕްލޭނަށް ތާއީދު ނުކޮށްފިނަމަ 30 މިލިއަން ޑޮލަރު މެންބަރު ގައުމުތަކަށް ގެއްލޭނެ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފެންޓީނޯ އަންގަވައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފީފާ ފޯވަޑް އެންޓަޕްރައިޒަސް (އެފްއެފްއީ) ގެ ނަމުގައި އުފައްދާ ސަބްސިޑަރީ ސެމީ ޕްރައިވެޓް ކުންފުންޏެއް އުފައްދައިގެން މުބާރާތްތަކުގެ ވިޔަފާރިއާ ގުޅޭ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ނިންމާފައިވާކަން ފީފާއިން އަންގާރަ ދުވަހު އިއުލާން ކުރި އެވެ.
އެ ޕްލޭނާ ބެހޭގޮތުން ފީފާގެ 211 މެމްބަރު ގައުމަށް، އިންފަންޓީނީ އިއްޔެ ސިޓީއެއް ފޮނުވިކަމަށް، އިނގިރޭސިވިލާތުގެ ދި އިންޑަޕެންޑެންޓް ނޫހުން ބުންޏެވެ.
އެކަމަކު ރާއްޖޭގެ ފުޓްބޯޅަ އިދާރާ (އެފްއޭއެމް) އިން ބުނީ އެފަދަ ސިޓީއެއް އެ އެސޯސިއޭޝަނަށް ލިބިފައިނުވާ ކަމަށެވެ.
ފީފާގެ މެންބަރު ހުރިހާ ގައުމަކަށް އިންފަންޓީނޯ ފޮނުވި ކަމަށް ބުނާ އެ ސިޓީގެ ކޮޕީއެއް ދި އިންޑަޕެންޑެންޓަށް ލިބިފައިވާކަމަށް އެ ނޫހުން ބުނެ އެވެ.
އިންޑަޕެންޑެންޓުން ބުނީ އެ ޕްލޭނަށް ވޯޓުދޭ މެންބަރު އެސޯސިއޭޝަންތަކަށް، އެއްފަހަރާ ދެވޭ 20 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ހަމަޖައްސައިދެވޭނެ ކަމަށް، އެ ސިޓީގައި އިންފަންޓީނޯ ލިޔެފައިވާ ކަމަށެވެ.
ނަމަވެސް މި ވޯޓު ފާސްނުވެއްޖެނަމަ ކުރިއަށް އޮތް ދައުރުގައި ލިބޭނީ އެންމެ 10 މިލިއަން ޑޮލަރު ކަމަށްވާތީ، ކޮންމެ ގައުމަކަށް 30 މިލިއަން ޑޮލަރުގެ މާލީ ގެއްލުމެއް ކުރިމަތިވާނެކަމަށް އިންފަންޓީނޯގެ ސިޓީގައި ބުނެފައިވާކަމަށް އިންޑަޕެންޑެުންޓުން ބުންޏެވެ.
ފީފާ އެންޓަޕްރައިޒަސް ކުންފުނީގެ އިންވެސްޓްމަންޓުން 4.2 ބިލިއަން ޑޮލަރު މި އަހަރު ނިމުމުގެ ކުރިން ހޯދުމަށް ފީފާއިން އުންމީދު ކުރެ އެވެ.
މި ޕްލޭނަށް ޔޫއެފާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ފީފާއިން އުޅެނީ ފުޓްބޯޅައިގެ "ފުރާނަ" ވިއްކާލަން ކަމަށް ޔޫއެފާއިން ތުހުމަތުކުރި އެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުން މި ޕްރަޕޯސްލްއާ ދެކޮޅެވެ. އެކަމަކު ޗެކް ރިޕަބްލިކް (ޗެކިއާ) އިން ވަނީ ފީފާގެ އެ ހުށަހެޅުމަށް ތާއީދު ކުރާކަމަށް ބުނެފަ އެވެ.
މި ހުށަހެޅުން ފާސްކުރުމަށް ބޭނުންވަނީ ފީފާގެ މެމްބަރުން ގައުމުތަކުގެ 50 ޕަސަންޓަށް މަތީ ވޯޓާއި 38 މެންބަރުން ހިމެނޭ ފީފާ ކައުންސިލްގެ ތާއީދެވެ.
މި ނިންމުން ނިންމާ ކޮންގްރެސް ބާއްވަން ދެން އޮތީ އެންމެ 53 ދުވަހުގެ މުއްދަތެކެ އެވެ. ސެޕްޓެމްބަރު މަހު ބާއްވާ ފީފާގެ ކޮންގްރެސްގައި މި ނިންމުން ހުށަހަޅަން ފީފާއިން ދަނީ ތައްޔާރުވަމުންނެވެ.
އިނގިރޭސިވިލާތުގެ ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސްއިން ބުނި ގޮތުގައި، ފީފާ އެންޓަޕްރައިޒަސް ކުންފުނީގެ ހިއްސާ ގަންނަން އުޅޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" އާއި އެ ގައުމުގެ ނުފޫޒުގަދަ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން ޗޭސް ބޭންކެވެ.
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ޔޫރަޕްގެ ބާރުގަދަ 11 ކްލަބަެއްގެ އިސްވެރިން ގުޅިގެން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގެ ޕްރޮޖެކްޓަށް އިންވެސްޓް ކުރަން އެ ބޭންކުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޕްރޮޖެކްޓަށް ޔޫއެފާ އާއި ފީފާއިން ވެސް އޭރު ދެކޮޅު ހެދި އެވެ. އަދި ކްލަބްތަކުގެ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި އެ ޕްރޮޖެކްޓް ނުފެށެނީސް ފެއިލްވީ އެވެ.