ހއ. އުތީމުގައި 100 އެނދުގެ ހޮޓަލެއް އަޅަން ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ އެ ރަށު ދޫނި ތުނޑި ސަރަހައްދުގައި ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން މިހާރު ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 18ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތީމުގައި ޓޫރިސްޓް ހޮޓާ އަޅަން ނިންމާފައިވާ ދޫނި ތުނޑި ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އުތީމު ކައުންސިލް
އުތީމުގައި ޓޫރިސްޓް ހޮޓާ އަޅަން ނިންމާފައިވާ ދޫނި ތުނޑި ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އުތީމު ކައުންސިލް

ރާއްޖޭގެ ގައުމީ ބަތަލް، އުތީމު ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ކަމަށް ބުނާ ތުނޑީގައި ހޮޓަލެއް އަޅަން އެ ސަރަހައްދުން 260،000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ދޭން ނިންމާފައިވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުންޏެވެ.

އުތީމު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެއީ ގިނަ އަދަދެއްގެ ދިވެހިން ވެސް ޒިޔާރަތްކުރާ ރަށަކަށް ވެފައި އަދި ކައިރީގައި ރިސޯޓްތަކެއް ހުރުމުން އެ ރަށުގައި ކާމިޔާބުކަމާ އެކު ޓޫރިޒަމް ވިޔަފާރިކުރެވޭނެ ކަމަށެވެ.

އުތީމުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ހޮޓަލެއް އަޅަން 50 އަހަރަށް ބިމެއް ކުއްޔަށް ދޭން ވަނީ ނިންމާފައި. ފޮޓޯ: އުތީމު ކައުންސިލް
އުތީމުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ހޮޓަލެއް އަޅަން 50 އަހަރަށް ބިމެއް ކުއްޔަށް ދޭން ވަނީ ނިންމާފައި. ފޮޓޯ: އުތީމު ކައުންސިލް

"މިރަށަކީ ތާރީހީ ގޮތުން އެންމެ ފާހަގަކުރެވޭ އެއް ރަށަށް ވުމުން ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް ޒިޔާރަތްކުރަމުންދޭ. އޭގެ އިތުރުން 15 ވަރަކަށް މިނެޓުން ދެވޭ ހަނިމާދޫ އެއާޕޯޓަށް. އެހެންކަމުން މި ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކާމިޔާބު ކަމާއެކީ ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އުތީމުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ސަރުކާރާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ހޮޓާ އަޅަން ބިން ދޫކުރަނީ ބޮޑު ތުނޑިއެއް އޮންނަ އުތީމުގެ އެންމެ ހިތްގައިމު ސަރަހައްދުންނެވެ.

ކުރިން އަރައިފޭބުން އުނދަގޫ ރަށުގައި މިހާރު ވަނީ ޒަމާނީ ބަނދަރެއް ވެސް ހަދައިފަ އެވެ. އެހެންކަމުން އެރަށުގައި ޓޫރިޒަމް ތަރައްގީކުރަން މިހާރު އުނދަގޫތަކެއް ނެތް ކަމަށް، ކައުންސިލުން ގަބޫލުކުރެ އެވެ.