ހއ. އުތީމުގައި ނުހަދައި ހުރި ގޯތިތަކުގައި ވިޔަފާރި އުސޫލުން ގެތައް އިމާރާތްކޮށްދޭން ކޮންޓްރެކްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ނަން ނޯޓު ކުރަން ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "މިހާރު" އަށް ވިދާޅުވީ މީހުން ދިރިނޫޅޭ އަދި ނުހަދައި ހުރި، ކުރީގެ ގެތައް އެ ރަށުގައި ވަރަށް ގިނަ ކަމަށެވެ. އޭނާ ލަފާ ކުރައްވާ ގޮތުން އެ ރަށުގައި ގާތްގަނޑަކަށް 180 ގޯތި ނުހަދައި އޮންނާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް، އަމިއްލަ މީހުންގެ މި ގެތައް ހަދައިދޭން އަމިއްލަ ފަރާތަކުން ވަނީ ކައުންސިލަށް ހުށަހަޅައިފަ އެވެ. އެ މީހުން ހުށަހެޅީ ހުސް ގޯތިތަކުގައި ތިން ކޮޓަރީގެ ފްލެޓެއް ނުވަތަ ގެއެއް އިމާރާތްކޮށްދިނުމަށެވެ. 

"އެ ފަރާތުން [ގޯތިތަކުގައި] ގެ އަޅައިދެނީ ވިޔަފާރި އުސޫލުން، ހިލޭއެއް ނޫން މި ގެތައް ހަދައިދެނީ. އެއީ ކޮން ބައެއްކަން ބުނާކަށް އަދި ބޭނުމެއް ނުވޭ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

"ކައުންސިލުން މަސައްކަތް ކުރަނީ ނުހެދި ހުރި ގޯތިތައް ހެދުމަށް، ރައްޔިތުންނަށް ފަސޭހަ ގޮތެއް ހޯދައިދޭން."

އޭނާ ވިދާޅުވި ގޮތުގައި މިިގޮތަށް އިމާރާތްކުރަން އެދޭ މީހުން ކައުންސިލަށް އެކަން އަންގަން މިހާރު ވާނީ ހުޅުވާލައިފަ އެވެ.

އެ ގެތައް އިމާރާތް ކޮށްދޭން ނިންމާފައި ވަނީ، ކޮންޓްރެކްޓާ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާ އެއްގޮތަށް ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

"ދެ އޮޕްޝަނެއް ދީފައި މި ވަނީ. އެއީ ގޭގައި ތިން ކޮޓަރީގެ ފްލެޓެއް ނުވަތަ ތިން ކޮޓަރީގެ ގެ އެއް ވެސް އެޅުމަށް. އެކަމަށް ޝައުގުވެރިކަން ހުރި ވަރެއް ބަލަން މި ހުޅުވާލީ، ކޮންޓްރެކްޓަރެއް ވެސް ނާންނާނެތާ ދެ ގެ ހަދާކަށް،" ރަޝީދު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ގެ ހަދަން ބޭނުންވާ ރައްޔިތުން، އަންނަ މަހުގެ ހައެއްގެ ކުރިން އޮންލައިން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.