މެންޗެސްޓާ ސިޓީ އަދި ނޯވޭގެ މަޝްހޫރު ފޯވާޑް އާލިން ހާލަންޑް އޭނާގެ ސިގްނޭޗާ ދިގު އިސްތަށިގަނޑު ކުރުކޮށް، "ބަޒް ކަޓް"އަކަށް ބަދަލުކޮށްލުމާ އެކު ސޯޝަލް މީޑިއާގައި އެކަމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އުމުރުން 25 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔާ އޭނާގެ މި އާ ލުކް އާންމުކުރީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޓްރާންސްފޯމޭޝަން ވީޑިއޯ ކްލިޕަކާއި ފޮޓޯތަކަކުންނެވެ.
އެ ވީޑިއޯގައި، ހާލަންޑް ގޮނޑިއެއްގައި އިށީނދެގެން އިންނައިރު ކެމެރާ އޭނާގެ މޫނަށް ޒޫމްކޮށް، މޫނު ނިވާކޮށްލުމަށް ފަހު އޭނާގެ އިސްތަށިގަނޑަށް ގެނެސްފައިވާ ބަދަލު ދައްކާލަ އެވެ. އެއާ އެކު، ސޯޝަލް މީޑިއާގައި އާންމުންގެ މެދުގައި ވަނީ ތަފާތު ހިޔާލުތަކެއް އުފެދިފަ އެވެ.
ބައެއް ސަޕޯޓަރުން އޭނާގެ ކުރީގެ ސްޓައިލް، މެޗުތަކުގައި ކުޅޭއިރު ކިޓާ އެއްގޮތަށް އިސްތަށިގަނޑު އައްސާ ބޭންޑު ބޭނުންކުރާ ގޮތް ހަނދާންކޮށް ދެރަވެ މާޔޫސްވާ ކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުން ކުރި މަޖާ ކޮމެންޓްތަކުގެ ތެރޭގައި، "އިތުރަށް ގޯލު ޖެހުމަށް ސްޓޮރޭޖް ހުސްކުރުމުގެ ގޮތުން އިސްތަށިގަނޑު ކޮށާލީ" ކަމަށް ބުނެ އެކްސްގައި ސަޕޯޓަރަކު ލިޔެފައިވެ އެވެ. އަދި ޕްރިމިއާ ލީގުގައި ޑިފެންޑަށް ކުޅޭ ކުޅުންތެރިންގެ ތަކުލީފުތައް މިހާރު އިތުރަށް ބޮޑުވީ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން "އާ ދައުރެއް، އާ އާލިން ހާލަންޑް" ކަމަށް ބުނެ ބައެއް ފޭނުން ތައުރީފުކުރިއިރު، އިންޑިއާގެ ސަޕޯޓަރަކު ވަނީ "ކުޅުންތެރިޔާގެ އީގޯއަށް ތަދުވީ" ކަމަށް ބުނެ މަޖާ ކޮމެންޓެއް ކޮށްފަ އެވެ.
"ނޯވޭގެ ގޯލް މެޝިން"ގެ ނަމުން މަޝްހޫރުވެފައިވާ ހާލަންޑަކީ އޭނާގެ ބައްޕަ (މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ އަލްފް-އިންގޭ)ގެ ފުޓްބޯޅަ އައިކިއޫ އާއި މަންމަ (90 ގެ އަހަރުތަކުގެ ހެޕްތަލޮން ޗެމްޕިއަން ގްރީ މަރީޓާ ބްރައުޓް)ގެ ހުޝިޔާރުކަމާއި ބާރުމިން ވާރުތަވެފައިވާ ކުޅުންތެރިއެކެވެ.
ފުޓުބޯޅަ މައިދާނުން ބޭރުގައި ހާލަންޑަކީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ އިސަބެލް ހޯގްސެން ޖޯހަންސެންއާ އެކު އާންމު ދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. އެމީހުންގެ ފިރިހެން ދަރިއަކު ހުރެ އެވެ.
މީގެ އިތުރުން ހާލަންޑަކީ ފެޝަނަށް ލޯބިކުރާ ކުޅުންތެރިއެކެވެ. އޭނާގެ އަތުގައި މަދުވެގެން ހަތް ހާމީސް ބާކިން ކޮތަޅުގެ އިތުރުން ލުއި ވިޓޮން އާއި ޝެނެލް އަދި މެންޗެސްޓާ ސިޓީގެ ކުލައާ ގުޅޭ ގޮޔާޑް ބޭގް ކަހަލަ އަގުބޮޑު ބްރޭންޑްތަކުގެ ކަލެކްޝަނެއް ވެސް ހުރެ އެވެ.