ކުޅިވަރު ޝަހުސިއްޔަތަކަށް މިހާތަނަށް ސޯޝަލް މީޑިއާގައި ހޯދިފައި ނުވާ ތާރީހީ ކާމިޔާބީއެއް ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
އުމުރުން 36 އަހަރު ފުޓްބޯޅަ ތަރި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 500 މިލިއަން ފަހަނަޅައިފަ އެވެ. މިހާރު ވެސް އިންސްޓަގްރާމްގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ ރޮނާލްޑޯގެ އިންސްޓާގެ ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ 262 މިލިއަނުގަ އެވެ.
ޓްވިޓާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު 91 މިލިއަނަށް އަރާ އިރު، ފޭސްބުކް ފޮލޯވަރުންގެ އަދަދު 148 މިލިއަނަށް އަރަ އެވެ.
މި އަދަދުތައް އެއްކޮށްލުމުން މިހާރު އެ ތިން ޕްލެޓްފޯމްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު 500 މިލިއަނަށް ވުރެ ގިނަ އެވެ. މިއީ މިހާތަނަށް އެއްވެސް އެތުލީޓަކަށް ސޯޝަލް މީޑިއާ އިން ހާސިލުކުރެވިފައިވާ މިންވަރެއް ނޫނެވެ.
ފަސް އަހަރަށް ބެލެންޑިއޯ އެވޯޑް ވެސް ހާސިލުކޮށްފައިވާ ޔުވެންޓަސްގެ ކުޅުންތެރިޔާ އަކީ އަބަދު ވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ވެސް ކުޅުންތެރިއެކެވެ. ރޮނާލްޑޯ އަކީ މި ވަގުތު ދުނިޔޭގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ކާމިޔާބު އެކެކެވެ.
ފޯބްސް އިން ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ރޮނާލްޑޯގެ ނުފޫޒު ވަރަށް ގަދަ އިރު އޭނާ ޕޯސްޓްކުރާ ސްޕޮންސަކޮށްފައިވާ ކޮންމެ އިންސްޓަގްރާމް ޕޯސްޓަކުން މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.
ރޮނާލްޑޯ އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް މިލްކިއްޔާތު ބިލިއަން ޑޮލަރަށް އަރާ ހަމައެކަނި ތަރި ވެސް މެ އެވެ.