ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރަން އެހީވާން ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތްކުރަން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާގެ މަތިން، އެ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށް އެޗްޑީސީން ބުންޏެވެ.
ބެލްކަނީތައް މަރާމާތުކުރަން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ހުށަހަޅަން އެޗްޑީސީން ވަނީ އެދިފަ އެވެ.
އެއްމެދު އިމާރާތްތަކުގެ ބެލްކަނި މަރާމާތުކުރަން އެޗްޑީސީން ނިންމާފައި މިވަނީ ހުޅުމާލެ2ގެ ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުނު ދެ ހާދިސާއެއް ކައިރިކައިރީގައި ހިނގާފައި ވަނިކޮށެވެ. އޭގެ ތެރެއިން އެއް ހާދިސާގައި އުމުުރުން ދެ އަހަރުގެ ކުއްޖަކު މަރުވި އެވެ.