ހުޅުމާލެ 2 ގައި އަލަށް މީހުން އުޅެންފެށި އަމާން ދޯދި ފްލެޓަކުން ރޭ ވެއްޓުނު 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އަމާން ދޯދި ފަސް ވަނަ ފްލެޓްގެ ދެ ވަނަ ފްލޯއިން ވެއްޓުނީ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 11:15 ހާއިރު އެވެ.
އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ފުލުހުންގެ އެހީތެރިކަމާ އެކު ކުއްޖާ ގެނައީ 11:25 ގައި ކަމަށާއި އޭރު ކުއްޖާ ވާހަކަ ދައްކާ ކަމަށާއި ވައިޓަލްސް ސްޓޭބްލް ކަމަށެވެ. އޭރު ކަރުން ލޭ އަންނަމުން ދިޔަ ކަމަށާއި އެހެންވެ ކުއްޖާއަށް ވާހަކަ ދައްކަން އުނދަގޫ ހާލަތެއްގައި އޮތް ކަމަށް ބުންޏެވެ. ނޭފަތާއި ކަންފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި ދަތްދޮޅި ވެސް ފަޅައިގެން ގޮސް ފައި އޮތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ކުއްޖާގެ ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދި ކަކޫ ވަރަށް ބޮޑަށް ދުޅަވެފައި ވާއިރު މޫނުމަތިން ވެސް އެކި ކަށިތައް ބިނދިފައިވާ ކަމަށެވެ. ސިކުނޑީގެ ސީޓީ ސްކޭނެއް ހެދި ކަމަށާއި އެެތެރެހައްޓަށް ލޭ އެޅުން ފަދަ ކަމެއް ފާހަގަވެފައި ނެތް ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކުރަން ދޫކޮށްލީ 3:40 ހާއިރު ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ މިކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.