ހުޅުމާލެ 2 ގައި އަލަށް މީހުން އުޅެންފެށި އަމާން ދޯދި ފްލެޓުން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ.
އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ އިމާރާތުގެ ފުރަތަމަ ބުރިން، މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.
އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ފަހުން ބަދަލުކުރި އެވެ. އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާރު ވެންޓިލޭޓަރުން ނަގައި، ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުދެ އެވެ.
ކުއްޖާ ވެއްޓުނު ރޭ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ފުލުހުންގެ އެހީތެރިކަމާ އެކު ކުއްޖާ ގެންދިޔައީ 11:25 ގައި ކަމަށާއި އޭރު ކުއްޖާ ވާހަކަ ދައްކާ ކަމަށާއި ވައިޓަލްސް ސްޓޭބްލް ކަމަށެވެ.
އޭރު ކަރުން ލޭ އަންނަމުން ދިޔަ ކަމަށާއި އެހެންވެ ކުއްޖާއަށް ވާހަކަ ދައްކަން އުނދަގޫ ހާލަތެއްގައި އޮތް ކަމަށް ބުންޏެވެ. ނޭފަތާއި ކަންފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި ދަތްދޮޅި ވެސް ފަޅައިގެން ގޮސް ފައި އޮތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ކުއްޖާގެ ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދި ކަކޫ ވަރަށް ބޮޑަށް ދުޅަވެފައި ވާއިރު މޫނުމަތިން ވެސް އެކި ކަށިތައް ބިނދިފައިވާ ކަމަށެވެ. ސިކުނޑީގެ ސީޓީ ސްކޭނެއް ހެދި ކަމަށާއި އެެތެރެހައްޓަށް ލޭ އެޅުން ފަދަ ކަމެއް ފާހަގަވެފައި ނެތް ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ މިކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.