ރާއްޖޭގައި މިދިޔަ އަހަރު މަރުވި މީހުންގެ ތެރޭގައި، 61 ޕަސެންޓަށް ވުރެ ގިނައީ ފިރިހެނުންކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުން ހާމަވެއްޖެ އެވެ.
ހެލްތު މިނިސްޓްރީއާ ގުޅިގެން އެމްބީއެސް އިން ނެރެފައިވާ "މޯލްޑިވްސް ވައިޓަލް ސްޓެޓިސްޓިކްސް ކުއާޓަލީ ބުލެޓިން" ގެ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖޭގައި 1،399 މީހުން މަރުވެފައި ވާއިރު އޭގެތެރެއިން 858 އަކީ ފިރިހެނުންނެވެ. އެހެންވެ، މަރުވި 61.3 ޕަސެންޓަކީ ފިރިހެނުންނެވެ. އަންހެނުން 38.6 ޕަސެންޓެވެ.
މިއީ މަރުވި ކޮންމެ 158.8 ފިރިހެނަކަށް 100 އަންހެނުންގެ ނިސްބަތެވެ.
އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލެ ސަރަހައްދުގަ އެވެ.
- މާލެ ސަރަހައްދު: 830 މަރު (59.3 ޕަސެންޓް)
- އަތޮޅުތައް: 569 މަރު (40.7 ޕަސެންޓް)
މާލޭގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މާލެއިން ބޭރުގައި އާންމުކޮށް ދިރިއުޅޭ، އަދި އިމަޖެންސީ ނުވަތަ އިތުރު ފަރުވާއަށް މާލެއަށް ގެނައި މީހުންނެވެ.
މަރުވި މީހުންގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ:
- އުމުރުން 65 އަހަރުން މަތި: 858 މަރު (61.3 ޕަސެންޓް)
- އުމުރުން 18–64 އަހަރު: 451 މަރު (32.2 ޕަސެންޓް)
- ތުއްތުކުދިން (0–4 އަހަރު): 75 މަރު (5.4 ޕަސެންޓް)
- ކުޑަކުދިން/ފުރާވަރު ކުދިން (5–17 އަހަރު): 14 މަރު (1.0 ޕަސެންޓް)
ދިވެހިންގެ ތެރެއިން، މިދިޔަ އަހަރު 1 އަހަރުން ދަށުގެ 70 ކުދިން މަރުވެފައި ވާއިރު، ވިހެއުމުގެ ތެރޭގައި/ވިހެއުމާ ގުޅިގެން 5 މައިން މަރުވިކަން ވެސް ވައިޓަލް ރެޖިސްޓްރޭޝަން ސިސްޓަމުން ދައްކަ އެވެ.
މިދިޔަ އަހަރު މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މަރުވީ މާލޭގައި ކަމަށް ވާއިރު ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ހދ. އަދި އައްޑު އަތޮޅެވެ.
މިދިޔަ އަހަރު 1،300 އަށްވުރެ ގިނަ މީހުން މަރުވިއިރު، އެ މުއްދަތުގައި 5،625 ކުދިން ވަނީ އުފަންވެފަ އެވެ.