މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމްގެ އުސޫލަށް ތިންވަނަ ކެޓަގަރީއެއް މިއަދު އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނެއްގައި ބުނީ "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލަށް އިސްލާހެއް ގެނެސް މިއަދު ގެޒެޓުކޮށްފައިވާ ކަމަށެވެ.
އެ އިސްލާހުގައިވާ ގޮތުން އެ ސްކީމަށް މިހާރު ވަނީ ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފަ އެވެ.
އިއުލާނުގައި ބުނީ އެ އުސޫލަށް ކެޓަގަރީ ތިނެއްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ މީހުން ގޯތި ދޫކޮށް ފުލެޓަށް ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ މީހުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ މީހުންނަށް ކަމަށެވެ.
އެ އުސޫލަށް އިތުރުކުރި މި ތިންވަނަ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ބިންވެރިޔާ" ހާއްސަ ސްކީމްގެ ކެޓަގަރީތައް
- ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
- ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
- ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހު 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.