މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމަށް ފޯމު ހުށަހެޅުން އަންނަ މަހަށް ފަސްކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ހާއްސަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ މަހު ފުރަތަމަ ދުވަހުގެ ހެނދުނު 11:00 އަށް ފަސްކޮށްފައިވާ ކމަށެވެ/
އެ ސްކީމަށް ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލަން ކުރިން ނިންމީ މާދަމާ އިން ފެށިގެންނެވެ.
އެ މުއްދަތު ފަސްކުރަން ޖެހުނު ސަބަބެއް މިނިސްޓްރީން އަދި ނުބުނެ އެވެ.
"ބިންވެރިޔާ" ހާއްސަ ސްކީމަކީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ދޫކުރާ އުސޫލެކެވެ. ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނަށް ވެސް އާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
ބޯހިޔާވަހިކަމުގެ މި ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މިދިޔަ މަހުގެ ފަހެއްގަ އެވެ.
"ބިންވެރިޔާ" ހާއްސަ ސްކީމްގެ އިތުރުން، ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ފްލެޓާއި ގޯތި ޕްރޮގްރާމުތަކުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭ ގޮތަށް އޮތުމުން ރައީސް ވަނީ ވަކިން އެ މައްސަލަ ހައްލުކުރުމަށް "ގޯތި-ގެދޮރު" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިއުލާން ކުރައްވައިފަ އެވެ.
"ގޯތި-ގެދޮރު" ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހު އަށެއްގައި ވަނީ ހުޅުވާލައިފަ އެވެ.