މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. 

އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ ރޭގެ މެންދަމު 2:00 އަށެވެ.

މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ.

އެންމެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް އެދި ހުށަހަޅާފައި ވަނީ 40،000 އަށް ވުރެ ގިނަ ފޯމެވެ. 

"ބޯހިޔާވަހިކަން ޕޯޓަލް" އަށް ރޭ ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު ރޭ މެންދަމު 2:00 އާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރު ކޮށްދިނެވެ. 

ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމުގެ ވަގުތު މީގެ ކުރިން އެކި ސަބަބުތަކާ ހެދި ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން މެއި 31 ގައި އެ ފުރުސަތު ހަމަވާ ގޮތަށް އޮތުމަށް ފަހު ރޭ 11:59 އާ ހަމައަށް ފުރުސަތު އިތުރު ކޮށްދިނީ މިދިޔަ ބޮޑު އީދު ބަންދާ ގުޅިގެންނެވެ. 

ސަރުކާރުން ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެނަށް"ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. 

ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ. 

ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.