އދ. އާއި އެކި ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ރިޕޯޓުތަކާއި މައުލޫމާތު ފޮނުވަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގާ ކަންކަމުގެ މައުލޫމާތު އދ. ގެ ސަމާލުކަމަށް ގެންނަން ކުރާ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އެކަން ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅައިދޭން އިންޓަނޭޝަނަލް ސާވިސް ފޯ ހިއުމަން ރައިޓްސް (އައިއެސްއެޗްއާރު) އިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅުމުން ނެރުނު ބަޔާނެއްގަ އެވެ.

އައިއެޗްއާރުގެ އެހީތެރިކަމާ އެކު ކޮމެޓީއަށް މައްސަލަ ހުށަހެޅީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އަހްމަދު ތޮލާލާއި ޖީހާން މަހްމޫދެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން މިދިޔަ އަހަރު އެ ކޮމިޝަނުން އަމަލުކުރަންވީ ގޮތުގެ ގައިޑްލައިނެއް ނެރުމުން އެކަމާ އޭރު ދަތިކަމެއް ކުރިމަތިވިޔަސް އެއީ ގައިޑްލައިން ކޮމިޝަނަށް މާނަ ކުރެވުނު ގޮތަކުން ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މިދިޔަ މާޗު މަހު ބައްދަލުކުރި ކަމަށާއި މަޝްވަރާތަކުގައި އެޗްއާރުސީއެމްގެ ގާނޫނާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޒިންމާދާރުކަމާއި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ނިންމުނު ކަމަށެވެ. އަދި ބައްދަލުވުން ބޭއްވި ދުވަހުން ފެށިގެން ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އދ. އާއި އެކި ފަރާތްތަކަށް ހުރަހެއްނެތި ރިޕޯޓާއި މައުލޫމާތުތައް ފޮނުވަމުން އަންނަކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ 2015 ވަނަ އަހަރުގެ ޖޫން މަހު އެ ކޯޓުން ސުމޯޓޯ އުސޫލުން ބެއްލެވި މައްސަލައެއްގައި ނެރުއްވާފައިވާ ގައިޑްލައިނެކެވެ. މި ގައިޑުލައިނުގައި ބަޔާންކޮށްފައިވާ 11 ނުކުތާއަކީ މި ގައިޑްލައިން ނެތް ނަމަވެސް މި ކޮޮމިޝަނުން އަމަލުކުރަމުން ގެންދާގޮތެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ކޮމިޝަންގެ މަސައްކަތްތައް ހިނގާގޮތް ބެލުމެއްނެތި ކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ސުވާލުއުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރު ކުޑަ އަމަލެއް ކަމަށް ދެކޭ ކަމަށެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލައެއް ހުށަހެޅިއިރު އެ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ރާއްޖެ އާއި ބޭރުގެ އެކި ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.