ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އޮޑިޓް ރިޕޯޓްގައިވާ ފާހަގަކޮށްފައިވާ މައްސަލަތައް އެ ރިޕޯޓްގައިވާ ގޮތަށް މީޑިއާއިން ހާމަކުރުމުން އެ ކޮމިޝަންގެ އަޣުލަބިއްޔަތުން މީޑިއާ ކުށްވެރިކުރުމަކީ "ދެރަކަމެއް" ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ޓުވިޓާގައި ޝިފާގު ވިދާޅުވެފައި ވަނީ އޮޑިޓް ރިޕޯޓްގައިވާ ގޮތަށް ހަބަރު ލިޔުމަކީ މީޑިއާ ކުށްވެރިކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ "އޮޑިޓް ރިޕޯޓްގެ އޮޅުންފިލުވައިދިނުމަކީ އެހެން ކަމެއް" ކަމަށެވެ.
މިދިޔަ އަހަރު އެޗްއާރުސީއެމް އިން ބޭކާރު ޚަރަދުކޮށްފައިވާ ކަމަށާއި އެ ކޮމިޝަން މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. ޝިފާގް މިހެން ވިދާޅުވެފައި ވަނީ އެކަން މީޑިއާގައި ރިޕޯޓްކުރުމުން، އެއްވެސް ބޭކާރު ޚަރަދެއް ކޮށްފައިނުވާ ކަމަށާއި ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ދައްކާފައިވާ ވާހަކަތާ ގުޅިގެންނެވެ.
އެޗްއާރްސީއެމްގެ އެކި މައްސަލަތަކާ ގުޅިގެން ޝިފާގް މި ފަހަކަށް އައިސް އެ ކޮމިޝަނަށް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ގޮތުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް 97،000 އަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ވަނީ ޚަރަދުކޮށްފަ އެވެ. އަދި ދައުލަތުގެ ޚަރަދުގައި އެ ކޮމިޝަނުން ކޯސްތަކާއި ސްކޮލާޝިޕްތަކަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމުން ކޯސް ފުރިހަމަ ނުކޮށް، އަނބުރާ ރާއްޖެ އައި މީހުންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ 1.2 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައިވަނީ މިދިޔަ އަހަރު އެ ކޮމިޝަނަށް ލިބުނީ އެކަށީގެންވާ ވަރުގެ ބަޖެޓަކަށް ނުވާތީ ބަޖެޓް އައިޓަމްތަކަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ހޯދާފައިވާނެ ކަމަށެވެ. އަދި ބައެއް ބަޖެޓް އައިޓަމްތައް ފިނޭންސުން އުނިކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ވެސް ކުރި ޚަރަދުތަކަށް ނުބަލާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ އިތުރަށް އެއްވެސް ޚަރަދެއް ކުރުމުގެ ފުރުސަތު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.