އާބާދީ ބޮޑު އަދި މުޅި ރ. އަތޮޅުން ވެސް ގުދުރަތީ ގޮތުން އެންމެ ރީތި އެއް ރަށަކީ ހުޅުދުއްފާރެވެ. އެ ރަށުގެ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ހައްދާފައި ހުންނަ ރުއްތަކަކީ، ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ އެންމެ ހާއްސަ ކަމެވެ.
ނަމަވެސް، މަގު ހެދުމުގެ މަޝްރޫއު ފެށުމަށް، 5،158 ފޫޓު ދިގު އަދި 45 ފޫޓު ފުޅާ ބޮޑު މަގުގައި ހުރި ރުއްތައް ނެގުމާއެކު ހުޅުދުއްފާރުގެ ރީތިކަން މި ވަނީ ގެއްލިފަ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް "މިހާރު" އަށް ކުރިން ވިދާޅުވީ އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން ބޮޑު ފަސް މަގެއް ހަދާނެ ކަމަށެވެ. އޭގެ ތެރެއިން ރުއް އިންދާފައި ހުރީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު އަދި މަޖީދީމަގުގަ އެވެ. އެ ހުރިހާ މަގަކުން 300 އަށްވުރެ ރުއް ނަގާނެ އެވެ.
އާތިފް ވިދާޅުވީ މަގު ހަދަން ނިންމާފައިވަނީ ތާރު އަޅައިގެން ކަމަށެވެ. އެހެންވެ، ރުއްތައް ނަގައިގެން ނޫނީ އެ މަޝްރޫއު ކުރިއަކަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގު ހަދަން ފެށުމަށް ރަށުގެ ރުއްތަށް ނެގުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ކުރީގެ ކައުންސިލުން 2019 ވަނަ އަހަރު ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި 50 އެއްހާ މީހުން އެއްބަސްވީ އެ ރުއްތައް ނަގާށެވެ.
އެކަމަކު، ޒަމާންވީ ސިފަ ގެއްލޭ ގޮތަށް ރުއްތައް ނަގާތީ ރަށުގެ އާއްމުންގެ ގިނަ ކަންބޮޑުވުންތައް އެބަހުއްޓެވެ.
ނަމަވެސް އެއް އަހަރުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ނިމުމުން ރުއް އިންދާނެ ކަމަށާއި އޭރުން ކުރިއަށްވުރެ މާ ރީތިވާނެ ކަމުގެ ޔަގީންކަން އާތިފް ދެއްވަ އެވެ. މިހާރު ވެސް 200 ރުއް އިންދުމުގެ މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްލޭންގައި އިންނާނީ މަގު ދެ ފަރާތުން ދަތުރުކުރެވޭ ގޮތަށް. މަގު މެދުގައި، ގްރީން ޒޯނެއް ކަނޑައަޅާފައި ގަސް އިންދާގޮތަށް ޕްލޭން ހެދީ،" އާތިފް ވިދާޅުވި އެވެ.
ހުޅުދުއްފާރުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. އެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ހަރު ކުރަން ހަވާލުކުރީ 88 މިލިއަން ރުފިޔާ އަށް، 390 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. އެކަމަކު އެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގަ އެވެ.
ހުޅުދުއްފާރަކީ މީގެ 30 އަހަރުކުރިން އެ އަތޮޅު އުނގުލާއި ގާއުނޑޫދު ހުސްކޮށް، ސަރުކާރުން މީހުން ބަދަލުކުރި ރަށެވެ. އޭރު އެ ރަށުގައި އެސްޓީއޯއިން ދިޔައީ ދަނޑުވެރިކަން ކުރަމުންނެވެ. އެ މަގުތަކުގައި އިންދާފައި ހުރީ އޭރު ސަރުކާރުގެ ވިޔަފާރި ކުންފުނިން އިންދާފައި 35-40 އަހަރު ކުރިން އިންދާފައި ހުރި ރުއްތަކެވެ.
އާތިފް ވިދާޅުވީ އޭރު އިންދާފައި ހުރީ މެލޭޝިޔާގެ މުޑުވަށް ކަމަށެވެ. އޭގެ ރުކަށް 30 އަހަރުވުމުން ކުރި ވެއްޓޭތީ މީގެ ކުރިން ވެސް ގިނަ ރުއްތަކެއް ނަގާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.