ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އަށް ހެވީ މެޝިނަރީ ހޯދަން ޗައިނާގެ ކުންފުންޏަކާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އާރުޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ހެވީ މެޝިނަރީގެ ދަތިކަން ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ މެޝިނަރީ ހޯދުމަށް އެ އެއްބަސްވުން ހެދީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް)އާ ދެމެދުގައި ކަމަށް އާރުޑީސީން ބުންޏެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި އައިޑީއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ. އެކްސްސީއެމްޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސައުތު އޭޝިއާ ސަރަހައްދުގެ ޖެނެރަލް މެނޭޖަރު ޓޫ ހުއި އެވެ.
އާރުޑީސީން ބުނީ އެ ރަސްމިއްޔާތުގައި އެކްސްސީއެމްޖީގެ ގްލޯބަލް ބިސްނަސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ޒައި ކުން އާއި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހް އަފީފް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި "ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓް"އަކީ އާރުޑީސީ އާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަނާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މުއާމަލާތެއް ކަމަށް އާރުޑީސީން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން، މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާރުޑީސީން ބުންޏެވެ.
އާރުޑީސީން ބުނި ގޮތުގައި، އެ މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ހިދުމަތް ދޭ މަރުކަޒަކާއި ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސްސީއެމްޖީ އާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް އެ އެއްބަސްވުމުގައި ވަނީ ކަނޑައަޅައިފަ އެވެ.
"މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ،" އާރުޑީސީން ބުންޏެވެ.