ޗައިނާ ސަރުކާރުގެ އެހީގައި މާލޭގައި 500 ފްލެޓް އަޅައިދޭން އެއްބަސްވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކުރިއަށް ގެންދިޔަ "ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި، މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް ނުވަތަ ފްލެޓް އެޅުމާ ގުޅޭ މަޝްވަރާގެ ޔައުމިއްޔާގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ ކަމަށެވެ.

ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދާއި ޗައިނާގެ ސީއައިޑީސީއޭގެ ވައިސް ޗެއާމަން ލިއު ޖުންފެންގް ސަލާންކުރައްވަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދާއި ޗައިނާގެ ސީއައިޑީސީއޭގެ ވައިސް ޗެއާމަން ލިއު ޖުންފެންގް ސަލާންކުރައްވަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ

އެއީ، ޗައިނާ ސަރުކާރުން ދޭ އިންޓަރެސްޓް-ފްރީ ނުވަތަ އިންޓަރެސްޓް ނުނަގާ ގޮތަށް ހަމަޖައްސާ ފެސިލިޓީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކަރުދާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން ލިއު ޖުންފެންގް އެވެ.

ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދު "ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް" ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ

މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ ތެރެއިން ސީއައިޑީސީއޭއާ އެކު ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ތަރައްގީގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަޝްވަރާކޮށްފައިވާ ކަމަށެވެ. 

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހައުސިން އާއި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާއިރު، މިހާރު ވެސް އެހެން ބައެއް މަޝްރޫއުތައް އެކި މަރުހަލާތަކުގައި އަންނަނީ ހިންގަމުންނެވެ.