ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ އެފޯޑަބްލް ހައުސިންގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި  1،224 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވި ބިންގާ ހަފްލާގައި ވަނީ ​​​މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލް އިން އުފެއްދި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިމާރާތްކުރާ 1،224 ޔުނިޓްގެ ބިން އަޅައި މަސައްކަތް ފަށައިފަ އެވެ. 

ހުޅުމާލޭގައި ބޭއްވި އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ހިންގާ އެ މަޝްރޫއު ހަވާލުކޮށްފައިވާ ސީއެމްއީސީއަކީ އެފަދަ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށާއި އެ މަސައްކަތަށް މުއްދަތަށް ނިންމާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި މަޝްރޫއު ހަވާލުކޮށްފައި ވަނީ 2028 ގެ މެދު ތެރޭގައި ނިންމައި ހަވާލުކުރަންޖެހޭ ގޮތަށެވެ. ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެންވަރު ރަނގަޅުކޮށް އަދި ވަގުތަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އިފްތިތާހުކޮށްފައިވާއިރު އެ މަޝްރޫއުގެ ދަށުން އެހާ އަވަސް ސްޕީޑެއްގައި މަސައްކަތްތައް ފެށިފައިވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ސަރުކާރުގެ ވިޝަން، އެކްޝަނަށް އެހާ އަވަހަށް ބަދަލުކުރެވުމުން ދައްކުވައިދެނީ ވަރުގަދަ ލީޑަޝިޕެއްގެ ސަބަބުންވާ ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1224 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ 1224 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ.

އެ މަޝްރޫއުގެ ދަށުން ބައެއް ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެެވެ. އަދި ބައެއް ދިވެހި ކުންފުނިތަކާ ވެސް ވަނީ ފްލެޓު އަޅަން ހަވާލުކޮށްފަ އެވެ. 

ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ. ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިންމި އަދި ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ސީއެމްއީސީން އިމާރާތް ކުރާނީ 1،224 ހައުސިން ޔުނިޓެވެ.

ހެޔޮ އަގެއްގައި ހައުސިން ޔުނިޓު ދިނުމަށް، ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.