ރާއްޖެއާއެކު އަބަދުވެސް އޮންނާނެ، ދެ ގައުމަށް ފައިދާ ވާނެ: ޗައިނާ

ޗައިނާ އިން ރާއްޖެއާ އެކު އަބަދުވެސް އެކުގައި މަސައްކަތް ކުރާނެ ކަމަށާއި އެކަމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށް ޗައިނާގެ ޕޮލިޓިކަލް ކައުންސިލަރު ޔަންގް ޔިން ވިދާޅުވެއްޖެ އެވެ.


ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖޭގައި ބިނާކުރި 1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކުރުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަންގް ވިދާޅުވީ ރާއްޖެ އަށް ވަރަށް ހަލުވިމިނެއްގައި ތަރައްގީވަމުން އަންނަ ކަމަށެވެ.

"ޗައިނާ އަބަދުވެސް ރާއްޖެއާ އެކު އޮންނާނެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރިވާނަން، އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ވާނެ،" ޔަންގް ވިދާޅުވި އެވެ.

1500 ހައުސިން ޔުނިޓް ސަރުކާރާ ހަވާލު ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ވެފައިވާއިރު، ސީއެމްއީސީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރި 704 ފްލެޓުތަކަކީ ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮތް ގާތް ގުޅުމުގެ ވަރަށް ބޮޑު ރަމްޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިއު ޝައުޑާ ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގާތް ގުޅުމެއް އުފެދިފައި އޮތް އިރު، އެ ގުޅުން ހަރުދަނާ ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބުމުން އުފާ ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރަނީ ރާއްޖޭގެ ރީތިކަން ދެކުމަށެވެ. ރާއްޖޭގެ ރީތިކަން ފެނިފައި، އެ މީހުން އެނބުރި ގައުމަށް ދާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންޓްރަކްޓަރެއްގެ ހައިސިއްޔަތުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސީއެމްއީސީން ރާއްޖެ އައުމުން ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފެނިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިން ޔުނިޓެއް ލިބުނު އާއިލާއެއް މިއަދު ޖަލްސާގައި ބައިވެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދިވެހި ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ލިއު ވިދާޅުވީ އެ ކުންފުނިން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ އިތުރު މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއްވަމުން އަންނަ ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ފުރާވަޑައިގަންނަވާނެ އެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ސަރުކާރުން އަދި ނުދެ އެވެ.

މިއީ ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް 2014 އާއި 2015 ގައި އެމަނިކުފާނު ވަނީ ރަސްމީ ދެ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ.