ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިއްޔެ ހުޅުމާލެއިން 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް 2024 ވަނަ އަހަރުގެ މެއި މަހު ފެށި "ކުރަނގި އޮޕަރޭޝަން" އަށް ފަހު، ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ވަދެގެން ރާއްޖޭގައި މަސައްކަތްކުރުމަށް އިމިގްރޭޝަނުން ވަނީ ފުރުސަތު ދީފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިއްޔެ ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ބައެއް ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުން. -- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިއްޔެ ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ބައެއް ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުން. -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން އިއްޔެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހުޅުމާލެ ރަށު މާރުކޭޓުގަ އެވެ. އިމިގްރޭޝަނުން ބުނީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީން ފާސްކޮށް، ގާނޫނާއި ގަވާއިދާ ހިލާފަށް ތިބި 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އަންނަނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ އޮފިޝަލަކު ބިދޭސީއަކާ ވާހަކަ ދައްކަނީ-- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ އޮފިޝަލަކު ބިދޭސީއަކާ ވާހަކަ ދައްކަނީ-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން އެންމެ ފަހުން ދިން މައުލޫމާތުގައިވާ ގޮތުން މިހާތަނަށް 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފައިވެ އެވެ. 

ނޮވެމްބަރު 17، 2023 އިން ފެށިގެން މިއަހަރުގެ ޖޫން 13ގެ ނިޔަލަށް ވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،552 މީހަކު އަނބުރާ ފޮނުވާލައިފަ އެވެ.

ހޯމް މިނިސްޓްރީން ބުނެފައި ވަނީ އަނބުރާ ފޮނުވާލާފައިވާ މީހުންގެ ތެރޭގައި ޑީޕޯޓުކޮށްފައިވާ މީހުންނާއި އެ ނޫން ވެސް ގޮތްގޮތަށް ފޮނުވާލާފައިވާ މީހުން ހިމެނޭ ކަމަށެވެ. އަދި ޑީޕޯޓުކުރި މީހުންގެ ތެރޭގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ މީހުން ހިމެނޭއިރު ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ތިބި ކަމަށް ވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓްރީން ބުނެފައިވެ އެވެ.