ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ބޭނުމަކަށް 3،000 ދަބަސް ފަހައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު "މިހާރު" އަށް ވިދާޅުވީ ދަބަސް ހޯދަން އިއުލާން ކުރީ އެ ސްކޫލު ޕީޓީއޭ އިން އެދިގެން ކުޑަކުދިންގެ ދުވަހަށް ތައްޔާރުވުމަށް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށް މާދަމާ މުއްދަތު ހަމަވާ އިއުލާނުގައި ބުނެފައި ވަނީ ދަބަސް ފެހުމުގެ މަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށެވެ.

ހުރަވީ ސްކޫލްގައި 2019 ވަނަ އަހަރު ކިޔަވައިދޭން ފެށީ 780 ދަރިވަރުންނާއެކު އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާ އެކު، ދެ ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލުގައި މިހާރު ދެ ހާހެއްހާ ދަރިވަރުން ކިޔަވަ އެވެ.

ހުޅުމާލޭ 1 ގެ އުތުރުކޮޅުގައި ހުންނަ މި ސްކޫލްގައި 54 ކްލާސްރޫމް ހުރެ އެވެ. އޭގެ އިތުރުން އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްފައިވާ ދެ ކްލާސް ރޫމާއި ލައިބްރަރީއެއްގެ އިތުރުން ދެ ސައިންސް ލެބޯޓަރީ ހުރެ އެވެ.