ކުޑަކުދިންނަށް މަގުބޫލުވި ކެރެކްޓާއެއް ކަމަށްވާ ކުޑަފޫޅު ހިމަނައިގެން ހަދާފައިވާ ކުޑަކުދިންގެ ފިލްމް "ކުޑަފޫޅުގެ ވަސްވާހުން" ގެ ދެ ޝޯ މި މަހު އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.
އެ ދެ ޝޯ ދައްކާނީ މި މަހުގެ 19 އާއި 20 ގަ އެވެ. އެ ދެ ދުވަހުވެސް ޝޯ ދައްކާނީ ހަވީރު 4:30 ގަ އެވެ. ޝޯގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ.
އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ސްކްރީންޕްލޭކަށް ހަދާފައިވާ ފިލްމު މި ފަހަރު ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަނެވެ. އަދި ފިލްމްގައި ކުޑަފޫޅު ކެރެކްޓާ ކުޅެފައި ވަނީ އެ ކެރެކްޓާ ކުޅެގެން ކުޑަފޫޅުގެ ނަމުން މަޝްހޫރުވި ޒުވާން ޑައިރެކްޓަރު ހުސައިން މުނައްވަރެވެ.
އޭނާއާ އެކު ފިލްމްގެ މުހިއްމު ރޯލަކުން އަހުމަދު ޒިޔާ ވެސް ފެނިގެންދާ އިރު، "ކުޑަފޫޅުގެ ވަސްވާހުން" އިން މި ފަހަރު ހދ. ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިން ފެންނާނެ އެވެ. މުޅި ފިލްމް ޝޫޓް ކޮށްފައި ވަނީ އެ ރަށުގަ އެވެ.
"ކުޑަފޫޅުގެ ވަސްވާހުން" އަކީ ފަރިވާ ފިލްމްސް އާއި ސަން ޝައިން ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެކެވެ.