ސްރީލަންކާގައި މަރައިލި ހުސައިން ރަޒީން (ރަބަރޭ) މަރާލަން ފައިސާ ޚަރަދު ކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހާގެ ގޭ ބަންދުގައި ހުރި މައްސަލާގައި އިތުރު ގޮތެއް ހައި ކޯޓަށް ނިންމެން ނެތް ކަމަށް އެ ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ނޮވެމްބަރު، 2015 ގައި މަރާލުމަށް ފަހު ލަންކާގެ ސަރަހައްދަކަށް ރަބަރޭ އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި، އެ ކަމަށް ފައިސާ ޚަރަދު ކުރި ކަމަށް ބުނެ ދައުވާ ކުރަނީ ރ. ކަނދޮޅުދޫ ފީރޯޒްގޭ އިބްރާހީމް އަބްދުއްރަހުމާންގެ މައްޗަށެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމަ އަށް ވެސް އޭނާ ހުރީ ގޭ ބަންދުގަ އެވެ.
ހައި ކޯޓުން އެގޮތަށް ނިންމީ އިބްރާހިމް 15 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ކުރި އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އިބްރާހިމްގެ ޝަރީއަތް ފަށައި، ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.
އިބްރާހިމްގެ ބަންދާ މެދު އިތުރު ގޮތެއް ހައި ކޯޓަށް ނިންމެން ނެތް ކަމަށް އެ ކޯޓުން ނިންމީ އިބްރާހިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާތީ އާއި އެ މައްސަލާގައި އޭނާ ގޭ ބަންދުގައި ބަހައްޓަން އެ މައްސަލަ ބައްލަވާ ގާޒީ އަމުރުކޮށްފައިވާތީ އެވެ. ކުށުގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދު ބުނާ ގޮތުން ޝަރީއަތް ހިނގާ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ގޮތް ނިންމާނީ އަސްލު އެ މައްސަލަ ބައްލަވާ ގާޒީ އެވެ.
އިބްރާހިމްގެ ބަންދާ މެދު އިތުރު ގޮތެއް ނިންމެން ނެތް ކަމަށް ނިންމިޔަސް އޭނާ 15 ދުވަހަށް ގޭ ބަންދުކުރަން ނޮވެމްބަރު މަހު ނެރުނު އަމުރު ހައި ކޯޓުގެ ހުކުމުގައި ވަނީ ބާތިލް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި ހިނގާ އެ ޝަރީއަތުގައި، ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި އިބްރާހިމް ބަހައްޓަން ދައުލަތުން ތަކުރާރުކޮށް ކޯޓުގައި އެދުނެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މައްސަލަ ނިމެންދެން އިބްރާހިމް ބަހައްޓާނީ ގޭ ބަންދުގައި ކަމަށެވެ.