އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިިމް ހޫދު ވިދާޅުވީ ޗައިނާއިން ބައެއް ލޯނުތައް ފަސް ކޮށްދީފައިވަނީ ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުން ކަމަށެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ. ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ، އެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ދައްކާކަށް ނުޖެހޭނެ އެވެ.
މި އިނީޝިއޭޓިވްގެ ދަށުން ލޯނުތައް ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހިމަނައިފަ އެވެ. މި ލުޔާ އެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ކަށަވަރު ކޮށްދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ޗައިނާ ފަދަ ތަނަވަސް ގައުމަކުން، ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފައްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކުތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެ ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"..މުޅި ދުނިޔެ އޮތީ ބަންދުވެފައި. ހުޅުވާފައި ހުރި އެކަކު ވެސް ހުރީކީ ނޫން. ލާރިއެއް ފޮނުވާލެވޭ މިންވަރަށް ވެސް ހުޅުވާފަކާއެއް ނެތް. އެހެން ނަމަވެސް އެއްވެސް ލުޔެއް ނެތޭ، އެއްވެސް ލުޔެއް ނެތޭ. ކޮބައިތޯ އިންސާފަކީ. ޗައިނާގެ ރައީސަށާއި ޗައިނާ ސަރުކާރަށް އަޅުގަނޑު ފަށްފަށުން ދަންނަވަން ބޭނުން، ދިވެހިރާއްޖެ އަށް ތިހެން ނުހައްދަވާށޭ. އާދޭހޭ، އާދޭހޭ،" ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް އެމްޑީޕީ ހަރުގޭގައި ރޭ ދެއްވި ސްޕީޗުގައި ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ދަރަނި ދެއްކުމަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން 80 ޕަސެންޓު ދައްކަން ޖެހޭނީ ޗައިނާ އަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.3 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު މީގެ ތެރެއިން ބޭރުގެ ދަރަނި ހުންނާނީ 37.5 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ފޮތް ބުނާ ގޮތުން، ދައުލަތުން ދައްކަން ޖެހޭ ގިނަ ފައިސާ ހުރީ އެކިއެކި ބޮންޑްތަކަށް ދައްކަން ޖެހޭ ދަރަންޏެވެ. ބޭރުގެ ސަރުކާރުތަކަށް ދައްކަން ޖެހެނީ 181 މިލިއަން ރުފިޔާ އެވެ.