ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒު އަލީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ވާދަކުރައްވަން މިއަދުު ފޯމު ހުށަހަޅުއްވައިފި އެވެ.

އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވާ މުއާޒު "މިހާރު" އަށް ވިދާޅުވީ ސިޔާސީގޮތުން ރައްޔިތުން ހިދުމަތްކޮށްދޭން ބޭނުންވާ ކަމަށެވެ. އަލަށް އުފައްދާ ހުޅުމާލެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއީދާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ފުރަތަމަ ފޯމެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މުއާޒު ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާއިރު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒެވެ. ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އިބްރާހިމެވެ.

ފާއިތުވި ފަސް އަަހަރުގެ ތެރޭގައި އޭރުގެ ރައީސް ޔާމީނާއި ސަރުކާރު ދިފާއުކުރެއްވުމުގައި އުޅުއްވި މުއާޒު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.